18 Apr 2013, 07:33
ބިހި ނެގުމަކީ ވަރަށް ގިނަ މީހުނަށް ދިމާވާ މައްސަލަ އެކެވެ. ބިހި ނެގުމުގައި އެންމެ އާންމު ތަނަކީ މޫނެވެ. ތިމާގެ މޫނު ރީތިކޮށް ބަހައްޓަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. އެހެން ކަމުން މި ފަހަރު މި ގެނެސްދެނީ ބިހިން ސަލާމަތް ވެވިދާނެ ނުވަތަ ބިހި ނެގުން މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. މި ކަންތައްތަކަކީ ވަރަށް ފަސޭހައިން ކުރެވޭނެ އަދި އަވަހަށް ނަތީޖާ ފެންނާން ފަށާނެ ކަންކަމެވެ.
1. އަތް މޫނާއި ދުރުގަ ބަހައްޓާށެވެ.
ފަސޭހަ ކަމެއްހެން ހީވެދާނެއެވެ. އެކަމަކު ދުވާލަކު ކިތައް ފަހަރު މޫނުގައި އެކި ގޮތް ގޮތަށް އަތްލެވޭ ކަން އިނގެނީ ކިތައް މީހުނަށް ބާވައެވެ. ކަންފަތް ކަހާލަން، ދާތައް ފުހެލަން ނުވަތަ މޫނު ކަހާތީ އަދި މި ނޫން ވެސް އެތައް ކަމެއްގައި އެތައް ފަހަރެއްގެ މަތީން މޫނުގައި އަތް ލެވެއެވެ. ވީހާ ވެސް ބޮޑަކަށް މޫނުގައި އަތް ނުލައި އުޅެވޭތޯ ބަލާށެވެ. މި ކަމުން ވެސް ބިހިން ސަލާމަތް ވާން ވަރަށް ބޮޑަށް އެހީވެދޭތީ އެވެ.
ދުވާލުގެ އެކި ގަޑި ގަޑީގައި ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި ނުވަތަ ގޭ ތެރޭގައި އުޅޭ އިރު ވެސް އަތުގެ ބޭނުން ހިފާއިރު އަތް ދޮވެ ސާފުކޮށް ބަހައްޓަން އަބަދުވެސް އާދަ ކުރާށެވެ. އެއީ ނޭނގި ހުރެވެސް ނުވަތަ ހަނދާނުން ކައްސާލައިގެން ވެސް މޫނުގައި އަތް ލެވޭ އިރު އެތައް ބެކްޓީރިއާ އެއް ހަމުގެ ތެރެއަށް ވަންނާނެ އެވެ. އަދި މި ބެކްޓީރިއާ ތަކުގެ ސަބަބުން ބިހި ނެގުމަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދެއެވެ.
2. ދުވާލަކު ދެފަހަރު މޫނު ދޮންނާށެވެ.
އަނެއްކާ ވެސް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދުވާލަކު ދެފަހަރު ރީތިކޮށް ސާފުކޮށް މޫނު ދޮންނަން އާދަ ކުރާށެވެ. މާ ގިނަ ގިނައިން މޫނު ދޮވުމަކީ ހަން ޑްރައިވާނެ ކަމެކެވެ. އަދި މާ ބާރު ގަދަ ފޭސް ވޮޝް ބޭނުން ކުރުމުން ހަމުގައި ރޫ ޖެހި ހަމުގެ ބާރު ދެރަވެ އެވެ. އެހެން ކަމުން ހެނދުނު ނިދާ ހޭލައިގެންނާއި ރޭގަނޑު ނިދުމުގެ ކުރިން ރީތިކޮށް މޫނު ދޮންނާށެވެ. މޫނު ދޮންނާނީ ހަމާ ގުޅޭ މައިލްޑް ފޭސް ވޮޝް އަކުންނެވެ. އަދި މޫނު ފުހެން ސާފު ތުވާއްޔެއް ބޭނުން ކުރާށެވެ.
3. ކަސްރަތު ކުރާށެވެ.
ކަސްރަތު ކުރުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ސިއްހަތަށް ފައިދާ ކުރާ ކަމެކެވެ. އަދި މީގެ އިތުރުން މިއީ ހަމަށާއި ބިހި ނެގުމަށް އޮތް ފަރުވާއެކެވެ. ބައި ގަޑި އިރުގެ ކަސްރަތު ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ފަހަރު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެކަމަކު މިގޮތަށް ވަގުތު ނުވާ ނަމަ ކުރެވޭ ވަރަކަށް ކަސްރަތު ކުރާށެވެ. އެއްވެސް ވަރަކަށް ނުކޮށް ހުރުމަށް ވުރެ ކުރެވުނު ވަރަކަށް ކުރުމުން ވެސް ފައިދާ ވާނެއެވެ.
ސްޓްރެސް ގެ ސަބަބުން ހަމުގައި ތެޔޮ އުފެދުމަށް ފުރުސަތު ބޮޑުވެ އެވެ. އެހެން ކަމުން ސްޓްރެސް ފިލުވަން ކުރެވެން ހުރި ކަމެއް ވިއްޔާ ކުރެވޭތޯ ބަލާށެވެ. އެއީ އޭގެން ބިހި ނެގުން ހުއްޓުވޭތީ އެވެ. އެގޮތުން ޔޯގާ ހެދުމަކީ ސްޓްރެސް ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމެކެވެ. ޔޯގާގެ ސަބަބުން އަމިއްލަ އަށް ހަށިގަނޑު ބެލެންސް ކުރަން ދަސްވެ އެވެ. ކަސްރަތު ކުރުމުން ހަށިގަނޑު ގެ ހޯމޯން ލެވެލްސް ވެސް ހަމައަކަށް އަޅުވައިދެ އެވެ. އަދި މީގެ އިތުރުން ކަސްރަތުގެ ސަބަބުން ހިއްލާ ދާ ތަކުގެ ސަބަބުން ހަމުގައި ހުންނަ ވަޅުތައް ސާފުވެ އެވެ. މި ވަޅުތަކަކީ (ސްކިން ޕޯރސް) މަރުވެފައި ހުންނަ ހަންތައް އުފެދެން ދިމާވާ ތަންތަން ކަމުން މީގެ ސަބަބުން އެ ހަންތައް ނެތިގެން ދެއެވެ.
4. އިހްތިޔާރު ކުރާ ހެދުމަކީ ދޫ ހެދުމަކަށް ހަދާށެވެ.
މޫނުގައި ބިހިނެގުމަކީ ވަރަށް އާންމު ކަމަކަށް ވާއިރު ބައެއް މީހުންގެ ހަށިގަނޑުގެ އެކި ތަންތާގައި ވެސް ބިހި ނަގައެވެ. ގައިގައި ބިހި ނަގަން ދިމާވާ ސަބަބު ތަކުގެ ތެރޭގައި ހޫނުވުން، ދާ ހިއްލުން އަދި ލެވޭ ހެދުން ނުވަތަ ކަސްރަތު ކުރަން ލާ ބާރު ހެދުމުގެ ސަބަބުން ވައި ބޭރު ނުވުން ހިމެނެ އެވެ. ހެޑް ބޭންޑް ފަދަ އެއްޗެހީގެ ސަބަބުން ނިތްކުރީގެ އިސްތަށި ކައިރީ ގައި ވެސް ބިހިނަގަން ދިމަވެއެވެ.
ކަސްރަތު ކުރާ އިރު ލާ ބައެއް ހެދުން ތަކަކީ ގަޔަށް ވަރަށް ބާރުކޮށް ހުންނަ ހެދުމެވެ. އަދި މި ހެދުން ހުންނަނީ ސިންތަޓިކް މެޓީރިއަލް އިންނެވެ. މީގެ ސަބަބުން ވެސް ބިހި ނަގަ އެވެ. އެހެންވެ ކޮޓަން ފޮތިން ހުންނަ ދޫ ހެދުން ލާން އާދަކުރާށެވެ. އޭރުން ބިހި ނެގުން ވަރަށް ބޮޑުތަން މަދުވާކަން އަމިއްލަ އަށް ވެސް އިނގެން ފަށާނެއެވެ.
5. ފެން ވަރަން ހަދާން ނައްތާނުލާށެވެ.
ކަސްރަތު ކުރުމަށްފަހު ވެސް ނުވަތަ ޖިމް އަށް ގޮސް ނިމިގެން ވެސް ގިނަ މީހުންގެ އާދަ އަކަށް ވެފައި އޮންނަނީ ގެއަށް ގޮސް ވަރުބަލި ފިލުވާލުމަށް ރެސްޓް ކޮށްލުމެވެ. ނުވަތަ ޓީވީ ބަލަން މަޑު ކޮށްލުން، ކެއްކުން ނޫނީ ކޮމްޕިއުޓަރު ކައިރީ އީމެއިލް ޗެކް ކޮށްލަން މަޑު ކޮށްލުމެވެ. އެކަމަކު ހަނދާން ނެތޭ ވަރަށް ބޮޑު އެއް ކަމެއް އެބަ އޮތެވެ. އެ ކަމަކީ ކުރިން ބުނި ގޮތަށް ކަސްރަތު ކުރުމުން ހަމުގައި ހުންނަ ސްކިން ޕޯރސް ތައް ބަންދު ވުމުން މަރުވެފައި ހުންނަ ހަންތައް ހުންނާނީ ހަމުގެ މަތީގައެވެ. އަދި ކަސްރަތު ކުރުމުން ހިއްލާ ދާތައް ވަޔަށް އަރައިގެން ދިއުމުން ހަމުގައި ދެން ހުންނާނީ ދާ ތަކުގެ ލޮނު ތަކެވެ. މި ލޮނުތަކާއި މަރުވެފައި ހުރި ހަންތައް ވީހާ ވެސް އަވަހަކަށް ދޮވެނުލައިފި ނަމަ ސާފު ވެފައި ހުރި ވަޅުތައް ނުވަތް ޕޯރސް ތައް ވެސް އަލުން ބަންދު ކޮށްލާނެ އެވެ. ކަސްރަތަކަށް ފަހު އެންމެ ރަނގަޅީ މޮއިސްޗަރައިޒިން ބޮޑީ ވޮޝް އެއް ނެގުމެވެ. އޭރުން ހަމުގައި ހުރި ލޮނުތައް ދޮވެވި އަދި ހަންގަނޑު ބޮޑަށް އުޖާލާކޮށްދޭނެ އެވެ.
(ނުނިމޭ)