17 Apr 2013, 22:54
މިދިޔަ އަހަރު މީހުން ހައްޖަށް ގެންދާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކު އަތުން ފައިސާ އަތުލި މާލީޝާގެ ވެރިމީހާ އިސްމާއީލް އަބްދުއްލަތީފް ދިރިއުޅޭ ގެކައިރިއަށް ބަޔަކު މިރޭ ވެސް އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.
އަތަމާ ހައްޖު ގުރޫޕު ހިންގާ މ. މެޑޯޒު ކައިރިއަށް ރޭ ވެސް ބަޔަކު އެއްވެފައިވާ އިރު މިރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ. ނަމަވެސް އެގެ ތަޅުލާފައި ހުރުމުގެ ސަބަބުން އެގެ އަށް ވަދެވޭގޮތް އެފަރާތްތަކަށް ވަނީ ނުވެފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މަލީޝާގެ ވެރިމީހާ އިސްމާއިލް އަބްދުއްލަތީފު މިވަގުތު ހުރީ ގޭބަންދުގައި މ.މެޑޯޒު އެވެ.
މިރޭ 9:00 ޖެހިއިރު އެގޭ ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވާ އިރު އެ ފަރާތްތަކުން ވަނީ މަލީޝާގެ ގުރޫޕުން މަކަރާއި ހީލަތުން ހައްޖަށް ގެންދާނެ ކަމަށް ބުނެ އެމީހުންގެ އަތުން ނެގި ފައިސާތައް އަނބުރާ ދިނުމަށާއި އަދި އޭނާ އަށް ހައްގު އަދަބު ދިނުމަށް ގޮވާލާފަ އެވެ.
އިހްތިޖާޖު ކުރަމުން ގެންދިޔަ މީހުންނާއި ސަންގެ ނޫސްވެރިން ވާހަކަ ދައްކާލުމުން އެމީހުން ބުނީ އެމީހުން މަލީޝާ ގުރޫޕަށް ފައިސާ ދައްކާފައި ވަނީ އެތައް އަހަރެއްވަންދެން ބުރަ މަސައްކަތުން ހޯދި ފައިސާ ކަމަށާއި ކޮންމެ ރެއަކު ވެސް އެގޭ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރާނެ ކަމަށެވެ. އަދި މާދަމާ އިސްލާމިކް މިނިސްޓުރީ އާއި ޕީޖީ އާ ވެސް ބައްދަލުކުރާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.
މިރޭ މ. މެޑޯޒު ކައިރިއަށް އެއްވި ފަރާތްތަކުން އެސަރަހައްދުގައި ޝުއޫރު ފާޅުކުރުމުގެ އިތުރުން އެހެން ހަމަނުޖެހުމެއް ހިންގާފައެއް ނުވެ އެވެ. އެޖަމާއަތުން ވަނީ މިދިޔަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ 175 މީހެއްގެ އަތުން 11.9 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އަދި އެއަށް ފަހު އޭނާ ވަނީ ފިލާފަ އެވެ. މަލީޝާގެ ވެރިޔާއަށް ދައުވާކުރުމަށް ޕީޖީއަށް ފުލުހުން ފޮނުވި ނަމަވެސް އަދިމިހާތަނަށް އޭނާއާ މެދު ޝަރީއަތް ހިންގާފައެއް ނުވެ އެވެ.