ދިރާގު ތުރީޖީ ޚިދުމަތް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއަދު ހަވީރު ދިރާގުގެ ތުރީޖީ ޚިދުމަތް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް ކޯލު ކުރުމާއި އެސްއެމްއެސް ކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިރާގުގެ ބައެއް ކަސްޓަމަރުންނަށް ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ.

ދިރާގުން މިރޭ ނެރެފައިވާ "ދެންނެވުމެއް"ގައި ބުނެފައި ވަނީ ތުރީޖީ މެދުވެރިކޮށް ކޯލް ކުރުމާއި އެސްއެމްއެސް ނުކުރެވުނު ނަމަވެސް ޓޫޖީ މެދުވެރިކޮށް ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.