ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ކިޔަވާ ކުދިންނަށް ދަތި ނުވާނެހެން ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރަކީ ކިޔަވާ ކުދިން އޯ އެވެލް އިމްތިހާނުތަކާއި ފަހު އިންތިހާނުތައް ހަދަމުން އަންނަ ދުވަސްވަރު ކަމަށާއި މާލޭ މަގުތަކުގައި ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުން މި ދުވަސްވަރު ހިންގާ ހަރަކާތްތަކާއި ހެދި ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރުމަށް ދަތިވަމުންދާ ކަމަށެވެ.


"މިކަމުގެ ޝަކުވާތައް އެޑިއުކޭޝަން މިނިސްޓްރީ އަށް ގިނަ ބެލެނިވެރިންތަކެއް ހުށަހަޅަމުން އެބަގެންދޭ" އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެއީ އެ މިނިސްޓްރީން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.  


"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރުޕީން ރޭ މުޒާހަރާއެއް ބާއްވާފައިވެ އެވެ. މީރޭ ވެސް އެ ޕާޓީން މުޒާހަރާއެއް ބޭއްވުމަށް ޑީއާރުޕީން ދަނީ ތައްޔާރުވަމުންނެވެ. އަދި މީރޭ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ އާންމު ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ.


މިއަދު މެންދުރު ޑީއާރުޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އަށް ރުހުން ނުދޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.