ދައުލަތުގެ ދަރަނި ކުޑަކުރުމަށް މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި ދަރަނި ކުޑަކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ލ.ކުނަހަންދުއަށް ވަޑައިގެން، އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރެވެނިއު ބިލްތައް ފާސްކޮށްދެއްވުމުން، ދަރަނި ކުޑަކުރުމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަން ކަމަށެވެ.

ރާއްޖެއިން ފުރާ ބިދޭސީންގެ އަތުން ނަގާ ސާވިސް ޗާޖް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، އިއްޔެ މަޖިލީހުން ބޭރުކޮށްލާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ބަޖެޓަށް އާމްދަނީ ލިބޭނެގޮތް ހެދުމަކީ، ރައްޔިތުންގެ ފަސޭހައަށްޓަކައި ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ވަރަށް ބޮޑެތި ދަރަނި އޮތް ކަމަށާއި، އެހެން ނަމަވެސް، ވޭތުވެދިޔަ ދޮޅުއަހަރުގެ ތެރޭގައި، އެ ދަރަނީގެ ވަރަށްބޮޑު ބައެއް ދައްކާފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްޞީލު ހާމަކުރެއްވިއެވެ.

ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަނދަރު ހެދުމަކީ ކޮންމެ ރަށެއްގައިވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ ހާލަތު ހުރިގޮތުންނާއި އަދި ފުދުންތެރިކަން ހުރިގޮތުން، ރަށްރަށުގައި ބަނދަރު ހެދެމުންނުދާ ކަމަށް ވިދާޅުވިއެވެ. ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ބަނދަރުގެ މަސައްކަތް ކުރަމުން ގެންދާއިރު ރައްޔިތުންނާ މަޝްވަރާ ކޮށްގެން، ވަރަށް ރަނގަޅަށް ސަވޭ ކުރައްވައިގެން، ރަށަށް ގެއްލުން ނުލިބޭގޮތަށް، އެ މަސައްކަތް ކުރުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވިއެވެ.

ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އެގޮތުން، ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ އެންމެ އިސް ކަންތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމު ނެތުމަކީ، ފެންގަނޑު ތަޣައްޔަރުވެ، ފެންގަނޑު ލޮނުވަމުންދާ ކަމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުސްވުމާއި، ޖައްވު ހޫނުވުމާ، މިކަންކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުން ގެންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 113 ރަށް ވަރަށް ބޮޑަށް ގިރެމުންދާ ކަމަށާއި، މިކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ރަށްރަށުގައި ހިންގޭ އެފަދަ މަޝްރޫއުތައް ހިންގަންވާނީ، ރަށަށް ގެއްލުން ނުލިބޭގޮތަށް ކަމަށް ވެސް ރައީސް ވިދަޅުވި އެވެ.