17 Apr 2013, 18:04
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކޮށްވިއްކާ އޮސްޓްރޭލިޔާގެ މަޝްހޫރު ކިރުގެ ބާވަތެއްކަމަށްވާ ޑެވޮންޑޭލް ބްރޭންޑްގެ ކިރުގެ ޕެކޭޖިން ރީބްރޭންޑްކޮށް ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށް ޑެވޮންޑޭލްގެ ބްރޭންޑް އެމްބެސެޑަރަކަށް އައިޝަތު ނާޒިމާ ހަމަޖައްސައިފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހަވީރު އޮތް ހާއްސަ ހަފްލާއެއްގައި ޑެވޮންޑޭލްގެ ރީ-ބްރޭންޑް ރި-ލޯންޗުކޮށް ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސްއެންޑް މާކެޓިން އާދަމް އާޒިމް އެވެ. އަދި އެ ހަފްލާގައި އާޒިމް ވަނީ ވޮލީބޯޅައާއި ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ ކުޅުމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި މަޝްހޫރު އެއް އަންހެން ކުޅުންތެރިޔާ، އާއިޝަތު ނާޒިމާ ޑެވޮންޑޭލްގެ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައި ނާޒިމާއާއި އެސްޓީއޯއާ ދެމެދު އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެސްޓީއޯ އިން މިއަދު ވަނީ ޑެވޮންޑޭލްގެ މުޅިން އައު އުފެއްދުމެއް ކަމަށްވާ ބަރިސްތާސް އޯން ފްރޮތިން މިލްކްވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. ނަސަންދުރައިގައި އޮތް އެ ހަފްލާގައި ޑެވޮންޑޭލްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ނާޒިމާއާއި ނާޒިމާގެ އާއިލާގެ އިތުރުން އެސްޓީއޯގެ އިސް މުވައްޒަފުންނާއި އަދި ޑެވޮންޑޭލުގެ ކަސްޓަމަރުން ވެސް ބައިވެރިވެފައިވެ އެވެ.
މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުންގެންދަނީ އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތައް މާކެޓްކުރުމަށް ތަފާތު ސަގާފަތެއް ބޭނުންކުރަމުން ކަމަށެވެ. އެގޮތުން މިހާރު އެސްޓީއޯގައި އޮތް މާކެޓިންގެ ޓީމަކީ މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ވަރުގަދަ އެއް މާކެޓިން ޓީމު ކަމަށެވެ. އަދި އެސްޓީއޯގެ ކަސްޓަމަރުން މުދަލާ ބެހޭ މައުލޫމާތު ހޯދުމަށް އެސްޓީއޯގެ ފިހާރަތަކަށް ގެނައުމުގެ ބަދަލުގައި އެކުންފުނިން މިހާރު މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ގާތަށް އެސްޓީއޯގެ މުވަސްޒަފުން ގޮސް ކަސްޓަމަރުންނާ އެކު ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ޕްރޮޑަކްޓްތަކެއް އެޔާ އެކަށޭނަ ހެޔޮ އަގުތަކެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ކުންފުނިން އެތެރެކޮށް ވިއްކާ ބާވަތްތަކަކީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ބާވަތްތަކަކަށް ހެދުމަކީ އެސްޓީއޯގެ އެންމެ މުހިއްމު އެއް މަގުސަދު ކަމަށެވެ.
ޑެވޮންޑެލް ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯ ސްޕަމާޓުންނާއި، އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި އަދި ރީޓެއިލް ފިހާރަތަކުން ލިބެން ހުންނާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.