17 Apr 2013, 16:31
ރައީސުލްޖުމްހޫރީއްޔާއާއި ރައީސުލްޖުމްހޫރީއްޔާގެ ނައިބުގެ އިތުރުން ވަޒީރުންގެ މައްޗަށް ނަގާ ވޯޓް ސިއްރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމާ ރުހިވަޑައި ނުގެންނެވިޔަސް އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރާން ޖެހޭނެ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކައުންސެލް ޖެނަރަލް ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާ އާއި ރައީސުލްޖުމްހޫރީއްޔާގެ ނައިބް އަދި ވަޒީރުންގެ މައްޗަށް ނަގާ ވޯޓް ސިއްރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމާއި ރުހިވަޑައި ނުގެންނެވި ނަމަވެސް އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ދެން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރާން ޖެހޭ ގޮތަކީ އެ މައްސަލާގައި ސިއްރު ވޯޓް ނުނެގޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް ވަކި ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުން ކަމަށް ފިލްޒާ ވިދާޅުވި އެވެ.
މަޖިލީހުގެ ކައުންސެލް ޖެނަރަލް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގެ ރޫހަށް ބަލައި މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓް ސިއްރު ކުރުމަކީ ޖަލްސާ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތަކަށް ކުރިއަށް ގެންދަން ގާނޫނު އަސާސީގައި ބުނެފައި ބުނުމަށް ހުރަސް އެޅޭ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި ނަގާ ވޯޓު ސިއްރު ކުރުމަކީ ޖަލްސާގެ ހާމަކަން ގެއްލޭ ކަމެއް ނޫން ކަމަށާއި އަދި ވޯޓު ސިއްރު ކުރުމަކީ ޖަލްސާ ސިއްރު ކުރުން ނޫން ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ ނިޔަތަށް ބަލާއިރު އެއީ ދެ ކަމެއް ކަމަށެވެ.
"ވޯޓާ ގުޅޭ ގޮތުން ދެ އުސޫލެއް ގާނޫނު އަސާސީގައި އެބަ އޮވޭ. އެއް އުސޫލަކީ ކަޑައެޅިގެން ސިއްރު ވޯޓް ނެގޭނެ ހާލަތްތަކެއް ބަޔާކޮށްފައިވާ އުސޫލް. ދަވަނަ އުސޫލަކީ ވޯޓް ނެގުމުގައި އަމަލު ކުރާން ޖެހޭ ވަކި އުސޫލެއް ބަޔާން ނުކުރާ ހާލަތްތައް. މިސާލަކަށް ބައެއް ހާލަތްތަކުގައި ނަގަން ޖެހޭނީ ސިއްރު ވޯޓް ނުވަތަ ނޫންތޯ ބަޔާން ނުކުރާ ހާލަތްތައް އެބަ ހުރި. ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނަނީ ޖަލްސާ ސިއްރު ކުރުމުގެ ވާހަކަ. ވޯޓް ސިއްރު ކުރުމަކީ އެއީ މަޖިލީހުގެ ޖަލްސާ ސިއްރުކުރުން ކަމަށްވާ ނަމަ ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި އެވާހަކަ ބުނާނެ. އެހެން ވީމަ ގާނޫނު އަސާސީގައި އެބަ ބުނޭ ޖަލްސާ ސިއްރު ކުރެވޭނެ ހާލްތައްތަކާއި ވޯޓް ސިއްރު ކުރެވޭނެ ހާލަތްތަކާއި އަދި ވޯޓާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާ ހާތްތަކެއް އެބަހުރި. އެހެން ވީމަ ވޯޓް ސިއްރު ކުރުމަކީ ޖަލްސާ ސިއްރު ކުރުން ކަމަކަށް ނުބެލެވޭނެ އަދި އެއީ ގާނޫނު އަސާސީގެ ނިޔަތެއް ވެސް ނޫން،" ކައުންސެލް ޖެނަރަލް ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ އިތުބާރާއި އެކު ކަމަށާއި އެހެން ކަމުން އޭރެއްގައި އޮންނަ ސިޔާސީ ހާލަތަކަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމަވާ ނިންމުންތައް ނިންމާނީ ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށް ފިލްޒާ ވިދާޅުވި އެވެ. ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތައް ސިއްރު ކުރި ނަމަވެސް މަޖިލީހުގައި ހިނގާ ހުރިހައި ކަމެއް ރައްޔިތުން ފެންނާނެ ކަމަށެވެ. އެގޮތުން ވޯޓް ނެގުމުގައި ހަރަކާތް ތެރިވާތަނާއި ޖަލްސާ ކުރިއަށްދާ ގޮތް ވެސް ހާމަ ކަމާއި އެކު ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ. އަދި މެންބަރުން ފިތަނީ ރަތް ފިތަށްތޯ ނުވަތަ ފެހި ފިތަށްތޯ ނޭގުނު ނަމަވެސް ލާވޯޓްގެ ނަތީޖާ ހާމަކަމާ އެކު ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ. އެހެން ކަމުން ވޯޓް ސިއްރު ކުރުމަކީ އެއީ ޖަލްސާ ސިއްރު ކުރުން ކަމަށް އެއްވެސް ހާލަތެއްގައި ނުބެލެވޭނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.
ކައުންސެލް ޖެނަރަލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ޝަރުއީ ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުގައި ނެގި އިޖުރާއީ ނުކުތާ އެ ކޯޓުގެ ފަނޑިޔާރުން ބަލައި ނުގަތް ކަމަށާއި އަދި އެ ނުކުތާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.
އާންމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރު ވުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ވެސް ވަނީ ކޮމެޓީން އަންގާފަ އެވެ. ނަމަވެސް ބަންޑާރަ ނައިބު ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންފަ އެއް ނުވެ އެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމަވާ ލެއްވުމަށް ފަހު ކޮމެޓީގެ މުގައްރިރު މާފަންނި ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކޮމެޓީގެ ދެން އަންނަ ބައްދަލުވުމެއްގައި އެ މައްސަލާގައި އަމުލު ކުރާނެ ގޮތެއް ކޮމެޓީން ނިންމަވާނެ ކަމަށެވެ.