17 Apr 2013, 15:32
ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 75ރ. ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށައެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑުން ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ މި އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް މިދިޔަ އަހަރުގެ ފައިދާ އިން 75ރ. ހިއްސާއަކަށް ބެހުމަށް ހުށައެޅުމަށް ނިންމާފައި ވަނީ އިއްޔެ ބޭއްވުނު އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑުގެ ޖަލްސާއަކުން ކަމަށެވެ.
އެސްޓީއޯ އިން 2011 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 72ރ. އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ހިއްސާދާރުންގެ ތެރެއިން ތަމްސީލް ކުރައްވާނެ ފަރާތެއް ކަނޑައެޅުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ފާސްކޮށްފައި ވަނީ ތިން ފަރާތަކުން ކަމަށެވެ. އެއީ ހ. ޓޫ ހާޓުސް މުހައްމަދު ފަރުޝަތު އާއި މއ. ފޮސީތިއާ މަރިޔަމް ޝެނިންގެ އިތުރުން މ. މެއިންޒް މުހައްމަދު އިމްރާން އަދުނާން ކަމަށެވެ.