ސަރުކާރުން ހިންގާ ކޮމިއުނިޓީ އީ-ސެންޓަރު (ސީއީސީ) މަޝްރޫއުގެ ދަށުން ރާއްޖޭގެ އަތޮޅުތަކުގެ 48 ރަށެއްގައި އީ-ސެންޓަރު ގާއިމުކުރުމަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ގަތުމަށް ޓަކައި 5.5 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި މެކްސްކޮމް ޓެކްނޯލޮޖީ ޕްރައިވެޓް ލިމިޓެޑާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އާ އެކު މިއަދު ސޮއިކޮށްފި އެވެ.

އެންސީއައިޓީގައި މިއަދު އޮތް ރަސްމިއްޔާތުގައި 5،466،616.10 ރުފިޔާގެ އެ އެއްބަސްވުމުގައި އެންސީއައިޓީގެ ފަރާތުން ސޮއިކުރެއްވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބު އިސްހާގު އަހްމަދެވެ. އަދި އެ އެއްބަސްވުމުގައި މެކްސްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު އެވެ.

ސާކު ޑެވެލޮޕްމަންޓް ފަންޑުގެ އެހީގެ ދަށުން ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ތިން އަހަރު ދުވަހުގެ މުއްދަތައް އަމާޒުކޮށްގެން ހިންގާ ސީއީސީ މަޝްރޫއުގެ ދަށުން އަތޮޅުތަކުގެ 50 ރަށެއްގައި ސެންޓަރުތައް ގާއިމު ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު އެ މަޝްރޫއު ރާވާފައި އޮތްގޮތުން އީ-ސެންޓަރުތައް ގާއިމު ކުރަނީ އަތޮޅުތަކުގެ 48 ރަށަކާއި އަދި މާލޭގައި ދެ ސެންޓަރުގަ އެވެ. އެ މަޝްރޫއަށް ބޭނުންވާ އެކިއެކި އާލާތްތަކާއި ސާމާނުތައް ގަތުމަށް އަދި އިދާރީ ހަރަދުތައް ހަމަޖެއްސުމަށް ސާކު ޑެވެލޮޕްމަންޓް ފަންޑުގެ އެހީގެ ދަށުން 1.8 މިލިޔަން ޑޮލަރު (27.756 މިލިޔަން ރުފިޔާ) ލިބިފައިވެ އެވެ.

އެންސީއައިޓީ އިން ބުނި ގޮތުގައި ސީއީސީގެ މަޝްރޫއަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ޓެކްނޯލޮޖީގެ ބޭނުން ހިފައި މައުލޫމާތު ބަދަލު ކުރުމާއި ބަލައިގަތުމާއި ލިބިދިނުމުގެ ހުނަރު އަދި އިލެކްޓްރޯނިކްކޮށް އެކިއެކި ހިދުމަތްތައް ހޯދުމާއި މުޖްތަމައުގެ އެކިއެކި އިޖުތިމާއީ ވިއުގަތަކުގައި އިޖްތިމާއީ ގުޅުން ގާއިމުކޮށް އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދީ، ހޯދާނެ ގޮތްތަކާ މެދު ހޭލުންތެރި ކުރުމަށް އެ ސެންޓަރުން ފައްޓަވާފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން ގާއިމުކުރެވޭ ކޮންމެ އީސެންޓަރެއްގައި އަށް ކޮމްޕިއުޓަރު ސިސްޓަމާއި ޕްރޮޖެކްޓަރަކާއި އަދި އިދާރީ މުވައްޒަފެއް ހުނާނާނޭ ކަމަށްވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ބެއްލެވީ ކޮންކޮން ގޮތަކަށްތޯ ސަންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވީ، އެ މަޝްރޫއު ހިންގުމުގައި ބޮޑަށް އިސްކަންދެއްވާފައި ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮމްޕިއުޓަރާއި އިންޓަނެޓް ފަދަ ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ލިބުމުގައި ދަތިތައް ހުރި ސަރަހައްދުތަކާއި ރަށްތައް ބައްލަވައިގެން ކަމަށާއި އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެ އަށް އަންނަ ތަރައްގީގެ އޮއިވަރާއެކު ރައްޔިތުންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ދުނިޔެ އަށް މިއަންނަ ތަރައްގީގެ އޮއިވަރާއެކީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދުނިޔޭގައި އާންމުންނަށް ސަރުކާރުތަކުންދޭ ހިދުމަތްތައް ފުޅާވެގެން ތަރައްގީވެގެން ދާނީ، އެމީހަކު އެތިބޭ ތަނެއްގައި އެތިބޭ އަވަށެއްގައި އެތިބޭ ގެއެއްގައި ތިބެގެން ސަރުކާރުން ހޯދަން ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކީގައި ލިބޭނޭ ގޮތެއް ގާއިމުކުރެވި ހަމަޖެހިގެން ދިޔަމަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންސީއައިޓީއާ އެކު އެ މަސައްކަތް ކުރުމަށް ހަވާލުވި މެކްސްކޮމްއިން ބުނީ އެ ކުންފުނިން މަސައްކަތާ ހަވާލުވެ ސޮއިކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނޭ ކަމަށެވެ.

އެންސީއައިޓީގެ ކޮމިއުނިޓީ އީ-ސެންޓަރު މަޝްރޫއުގެ ދަށުން ސެންޓަރު ގާއިމްކުރެވޭ ރައްރަށުގެ ރައްޔިތުންނަށް ހަމަޖެހިފައިވާ އުސޫލުތަކެއްގެ ދަށުން އިންޓަނެޓާއި ކޮމްޕިއުޓަރަށް އަހުލުވެރިކުރުމާއި އަދި އެނޫން ވެސް ރައްޔިތުން ޓެކްނޯލޮޖީ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާނޭ ކަމަށް އެސެންޓަރުން ބުންޏެވެ.