މި އަހަރުގެ ފެބްރުއަރީ މަހުގެ ރާއްޖެ ޓީވީގެ ޖާނަލިސްޓް އިބްރާހިމް ވަހީދު (އަސްވާޑް)އަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުސް ބުނީ އަސްވާޑަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ މ. ކެރިންލައިޓްއުތުރުބައި، އަޙްމަދު ވިޝާން 22، އާއި ގ. ފެހިމާ، ޙަސަން ރައިހާން 19، ކަމަށެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަސްވާޑަށް ހަމަލާދިންކަމަށް އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެ މައްސަލައިގައި އެ ދެ މީހުންނާ ދެކޮޅަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް، ދަނގަޑު ބުރިއަކުން ބޮލުގައި ޖަހައި ޒަހަމްކޮށްލުމުން ލިބުނު ޒަހަމްތަކަށް އަސްވާޑު އަންނަނީ ލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯދަމުންނެވެ.