ގ. ވޭރު އަބްދުލް މުހީތު މަރައިލިކަމަށް ތުހުމަތު ކުރެވޭ ތިން ކުދީންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް އަންނަ މަހަށް ޝެޑިއުލްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް ކަމަށެވެ.

އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުންނާއި ދައުވާ ލިބޭ ތިން ކުދީން ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ތިން ކުދިންގެ ތެރެއިން އެކަކަށް މިހާރު 18 އަހަރު ވެފައި ވާ ކަމަށާއި އަދި އަނެއް ދެ ކުދިންގެ އުމުރަކީ 19 ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.

މުހީތު މަރާލިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 19 އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން، 20، އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 21، އެވެ.

އެ ތިން މީހުންގެ ޝަރީއަތް އަދި ނިމިފައެއް ނުވެއެވެ.

ފުލުހުން ބުނެފައި ވަނީ މުހީތަށް ހަމަލާދީފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް އޮޅުމަކުން ކަމަށެވެ.