17 Apr 2013, 14:27
އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު ބަނގުރާގެ މައްސަލަތައް ދަށް ވެ އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި ބަނގުރާގެ މައްސަލަތައް 7.8 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް މިދިޔަ އަހަރު ހުށަހަޅާފައިވަނީ ބަނގުރާގެ 166 މައްސަލައެކެވެ. އަދި މިދިޔަ އަހަރު އެންމެ ގިނައިން ރެކޯޑް ކޮށްފައިވަނީ ބަނގުރާ ބޭނުން ކުރުމުގެ މައްސަލަތަކެވެ. އެއަށްފަހު ދެން ގިނައީ ބަނގުރާ ގެންގުޅުމާއި އުފެއްދުމުގެ މައްސަލަތަކެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ބަނގުރަލުގެ މައްސަލަތައް މަދު ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ވަނީ 26936.69 ގްރާމް މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި އެންމެ ގިނަ ޢަދަދަކަށް އަތުލައިގަނެފައިވަނީ ކެނަބިސް އެވެ. 2012 ވަނަ އަހަރު 16821.55 ގްރާމް ކެނަބިސް އަތުލެވިފައިވާއިރު 2011 ވަނަ އަހަރު އަތުލެވިފައިވަނީ 5026.02 ގްރާމް ކެނަބިސްއެވެ. މިއީ 2011 ވަނަ އަހަރާ އަޅާ ބަލާއިރު 54 އިންސައްތަ އިތުރު އަދަދެކެވެ.
މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގައެވެ. އެ މަހު ވަނީ ފުލުހުންނަށް 313 މައްސަލަ ހުށަހަޅާފަ އެވެ.
ފުލުހުންގެ އޮޕަރޭޝަނަލް ޕްރިޔޯރިޓީސްގެ ތެރޭ ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ މިންވަރު އިތުރުވުމަކީ މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުން އިތުރުވުމަށްވުރެ ބޮޑަށް އެކަން މަދުކުރުމަށް ކުރެވޭ މަސައްކަތް އިތުރުވުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.