17 Apr 2013, 14:03
އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމަށް އެދިވަޑައިގެން ދުޢާ ކުރައްވާ ކަންކަމުގެ ތެރޭގައި، ކަންކަން އޭގެ ޙަޤީޤަތާ އެއްގޮތަށް ދެއްކެވުމަށް ކުރައްވާ ދުޢާފުޅު ވެސް ހިމެނެއެވެ. އާދެ، ޙައްޤު، ޙައްޤުގެ ގޮތުގައި ދެއްކެވުމަށާއި ޙައްޤު ގޮތް ޚިޔާރު ކުރެއްވުމުގެ ތައުފީޤު އެދިވަޑައިގެން ކުރައްވާ ދުޢާފުޅެވެ. ބާޠިލު، ބާޠިލުގެ ގޮތުގައި ދެއްކެވުމަށާއި، ބާޠިލާ އެއްކިބާ ކުރެއްވުން އެދިވަޑައިގެން ކުރައްވާ ދުޢާފުޅެވެ. ކޮންމެ އެއްޗަކާއި ކޮންމެ ކަމެއްވެސް ޙަޤީޤީ ސޫރައިގައި ދެއްކެވުން އެދިވަޑައިގެން ކުރައްވާ ދުޢާފުޅެވެ.
ކަމަކާ ބެހޭގޮތުން ގޮތެއް ކަނޑައެޅުމުގައި އަޅުގަނޑުމެންނަށް ދެ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. އެއްގޮތަކީ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި އަމިއްލަޔަށް ވިސްނައި ފިކުރު ކުރުމަށް ފަހު ގޮތެއް ކަނޑައެޅުމެވެ. ވަކި އަތަކަށް ބުރަވުމެއް ވަކި ކޮޅަކަށް ޖެހުމެއް ނެތި ކަމުގެ ޙަޤީޤަތް ހޯދައި ބަލައިގެން އެކަމެއްގައި ގޮތެއް ކަނޑައެޅުމެވެ. ދެވަނަ ގޮތަކީ ތިމާ އެބައެއްގެ ފިކުރަށް ތަބާވާ ބަޔަކު ބުނާގޮތެއް ބުއްދީގެ ތަރާދުން ކިރައި ވަޒަން ކުރުމެއް ނެތި ޤަބޫލުކޮށް އެގޮތަކީ ތިމާގެ ގޮތް ކަމުގައި ހަދައި އެގޮތް ޤަބޫލު ކުރުމެވެ. އެގޮތަކަށް ވަކާލާތު ކޮށް އެ ގޮތަކަށް އަޑުއުފުލުމެވެ.
މުއުމިނުންގެ ހަރުދަނާކަމާއި އަރަހުށި މާތްﷲ މުއުމިނުންނާ މަތިކުރައްވައިފައިވާ ޒިންމާ މުއުމިނުންނަށް ލާޒިމު ކުރަނީ ކޮންމެ ކަމަކާ މެދުވެސް ވަކި ފަރާތަކަށް ޖެހުމެއް ނެތި ވިސްނައި ފިކުރު ކުރުމަށްފަހު ގޮތެއް ކަނޑައެޅުމެވެ. އެއްވެސް ކަމަކާ މެދު ޢަޞަބިއްޔަތުގެ ކުލަބިއްލޫރި އައިނަކުން ނުބެލުމެވެ. މުއުމިނުން އިންތިހާ ދަރަޖަޔަށް މަސައްކަތް ކުރާން ޖެހެނީ ކޮންމެ ކަމެއް ވެސް އެކަމެއްގެ އަޞްލު ޙަޤީޤަތާ އެއްގޮތަށް ބެލުމަށެވެ. މާތްﷲ ތިމާއަށް ދެއްދި ބުއްދީގެ ނިޢުމަތުގެ ބޭނުން ހިފައިގެން ކަންކަމުގެ ޙަޤީޤަތާ ހަމަޔަށް ވިސްނުން ފޯރުވައިގެން ތިމާގެ ރައުޔު ޤާއިމު ކުރުމަށެވެ.
އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިޢުމަތަކީ ވެސް އެ ނިޢުމަތުގެ ބޭނުން ކުރިގޮތާ މެދު އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭ ނިޢުމަތެކެވެ. އަޅުގަނޑުމެންނަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް އަޅުގަނޑުމެން ދެކެދެނެގަންނަގޮތާ މެދުވެސް މަސްއޫލުވާން ޖެހޭނެއެވެ. އިވޭ އަޑުތައް ބަލައިގަންނަ ގޮތާމެދު ޒިންމާވާން ޖެހޭނެއެވެ. އެހެންކަމުން އެއްވެސް ކަހަލަ ވިސްނައި ފިކުރުކުރުމެއް ހޯދައި ބެލުމެއް ނެތި އަޑުއިވޭ ކޮންމެ ވާހަކައެއް ޤަބޫލުކުރުމާއި އަޅުގަނޑުމެން ކަންކަން ޤަބޫލުކޮށް ރައުޔުތައް ޤާއިމުކުރަނީ ވަކި އަތަކަށް ޖެހިތިބެގެން އަޅުގަނޑުމެން ފަންވަތުގެ ނުވަތަ ޕާޓީގެ މަގުދެއްކުމާ އެއްގޮތަށް ކަމުގައިވާނަމަ އެއީ ދުނިޔަވީ ގޮތުންވެސް ދީނީގޮތުން ވެސް ބިރުވެތިވާން ޖެހޭ ކަމެކެވެ. އެހެނީ އެކަމުގެ އެންމެ ބޮޑު ގެއްލުމެއް އުފުލާން ޖެހޭނީ ޚުދު ތިމާއެވެ.
ޝައްކެއް ނެތެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ޙަޤީޤަތް ހޯދައިގެން ޙަޤީޤަތާ އެއްގޮތަށް ބަލައިގަތުމަކީ އެކަމެއްގައި ރަނގަޅު ރައުޔެއް ޤާއިމު ކުރުމުގައި ލާޒިމީ ޝަރްޠެކެވެ. ރަނގަޅު ރައުޔެއް ޤާއިމު ކުރެވުމަކީ ރަނގަޅު ގޮތުގައި ޢަމަލު ކުރެވުމުގެ އަސާސެވެ. އެހެންކަމުން ޙަޤީޤީ މުއުމިނުން މިކަމާމެދު ނިހާޔަތަށް ޙައްސާސް ވާންޖެހެއެވެ. ތިމާ ވިސްނާ ގޮތާއި ޤަބޫލުކުރާ ގޮތަކީ ޙަޤީޤަތާ ޚިލާފު ގޮތަކަށް ވިޔަނުދޭން އިންތިހާޔަށް ބާރުއަޅާން ޖެހެއެވެ.
އަރަހުށި މާތްﷲ މުއުމިނުންގެ ކިބައިން އެދިވޮޑިގެންވަނީ ކޮންމެ ކަމަކާމެދުވެސް ޙަޤީޤަތާ އެއްގޮތަށް ބެލުމަށެވެ. ކަމަކާމެދު އެކަމެއްގެ ޙަޤީޤަތާ އެއްގޮތަށް ބެލޭނީ ތިމާގެ ވިސްނުމާއި ފިކުރު ތެދު ޤަބޫލުކުރާން ތައްޔާރު ކޮށްގެންނެވެ. ތިމާގެ މިތުރުން ދައްކާ ވާހަކަވެސް ތިމާގެ ހަތުރުން ދައްކާ ވާހަކަވެސް ބުއްދީގެ ތަރާދުން ކިރައި ވަޒަން ކުރުމަށް ފަހު ޤަބޫލު ކުރާ ހަމަނަހަމަ ދަންނަ މީހަކަށް ވެގެންނެވެ.