ސަރުކާރުގެ މުއައްސަސާތަކުން ހިންގާ މުއާމަލާތްތައް ރައްކާ ކުރެވޭ ވިއުގައެއް ގާއިމް ކުރުމަށް މިއަދު ހުށަހެޅި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ސަރުކާރުގައި ހިމެނޭ ޕީޕީއެމްއާއި ޑިއާރްޕީގެ މެންބަރުންގެ ފާޑުކިޔުންތަކެއް އަމާޒުކުރި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލު މަޖިލީހުން ބޭރުކޮށްލީ 30 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ބިލް ބަލައިގަތުމަށް 28 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި މެންބަރަކު އިންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވިދާޅުވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލަކީ ހަމައެކަނި އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ ކުރިއަރުވުމަށް ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި އެ ބިލަކީ ނެޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އުފައްދައި އެ އިދާރާގެ ގާނޫނީ ހައިސިއްޔަތު ލިބިދިނުމަށް ހުށަހެޅި ބިލެއް ކަމަށެވެ. ބިލުގައި ބުނާ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހޭނެ ކަމަށާއި އެ ބޯޑަށް ފަސް މެންބަރުން އައްޔަން ކުރަންޖެހޭނެ އެވެ.