ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ޔުމްނާ މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވެވަޑައިގަތުމަށް ބޭނުންފުޅުވާކަން އަންގަވައި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ޕާޓީގެ ކައުންސިލަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ މި އަހަރަކީ އޭނާގެ ދޮށީ ދަރިފުޅު ޖީސީއީ އޯލެވެލް ހަދާ އަހަރުކަމަށް ވެފައި އާއިލާ އަށް އިތުރު ވަގުތު ދެއްވަން ބޭނުންވާތީ ކަމަށެވެ.

ޕީޕީއެމް އަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޓަކައި ސެކްރެޓަރީ ޖެނެރަލް އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މީހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ދިރިއުޅުމުގެ ކަންތައް ހުރިގޮތުން އެ މަގާމުގައި ހުންނަވައިގެން އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.