ސަރުކާރުގެ މުއައްސަސާތަކުން ހިންގާ މުއާމަލާތްތައް ރައްކާ ކުރެވޭ ވިއުގައެއް ގާއިމް ކުރުމަށް އިންފޮމޭޝަން ޓެކްނޮލަޖީގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. ބިލް ހުށަހެޅުއްވި މަގުސަދެއް ކަމަށް ރިޔާޒު ވިދާޅުވީ އެ ބިލުގެ މަގުސަދަކީ ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ ހަރުދަނާ ކުރުން ކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ހިންގާ މުއާމަލާތްތައް ރައްކާތެރިކުރުމާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެއް ވިއުގަޔަކުން ގުޅާލުމަށް ބިލުގައި ބާރުއަޅާފައިވާނެ ކަމަށެވެ. އަދި ވިޔަފާރި ކުރުމާއި ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް ފޯރުކޯށްދިނުމުގައި އިންޓަނެޓް މެދުވެރިކޮށް ރައްޔިތުންނަށް މުއާމަލާތްކޮށް ހިދުމަލް ލިބިގަނެވޭނެ ފަސާހަ ގޮތްތަކަށް ބިލު ބާރު އަޅާފައިވާނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

"ހުށަހެޅިގެންދާ ބިލުގެ ސަބަބުން ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލަޖީ އިތުރަށް ހަރުދަނާވެ، އިންޓަނެޓް މެދުވެރިކޮށް ކުރަމުންދާ މަސައްކަތް ފުޅާވެ، ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ވެސް ނެގުމަށް ލުއި ފަސޭހަތަކެއް ވެގެންދާނެ. އަތޮޅު ތެރޭގެ ރަށެއްގައި ހުންނަ މީހަކު ވެސް އެޕްލިކޭޝަނެއް ފޮނުވާލަން ބޭނުން ނަމަ އިންޓަނެޓް މެދުވެރިކޮށް އެކަން ކުރެވޭނެ،" ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ ނެޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ އިދާރާއެއް ނޫން ކަމަށާއި ނަމަވެސް އެ ބިލުގެ ސަބަބުން އެ ދިރާސާގެ ގާނޫނީ ޒިންމާ ކަނޑައެޅޭނެ ކަމަށެވެ.

ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި ފަސް މެންބަރުންގެ އިފޮމޭޝަން ޓެކްނޮލަޖީގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި އެ ބިލު ތަސްދީގު ކުރާތާ މަހެއްގެ ތެރޭގައި ބޯޑު އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.