އަތޮޅުތަކުގެ ޕްރީސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ތިން މަސް ދުވަސް ވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

އެލްޖީއޭގެ އިދާރާގައި މިއަދު އޮތް ނޫސްކޮންފަރެންސެއްގައި އެ އޮތޯރިޓީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވިދާޅުވީ ޕްރީސްކޫލްތަކުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސް ދުވަސް ވެއްޖެކަމަށާއި އެކަން ހައްލުކުރަން ފިނޭންސް މިނިސްޓްރީއާ އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައި ވާނެ ކަމަށެވެ.

"ތިން މަސްވެގެން ދިޔައީ ޕްރީ ސްކޫލްތަކުގެ މުވައްޒަފުންނަށް މުސާރަނުދެވޭތާ، އެ މައްސަލަ ހައްލުކުރަން ހައްލުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު މަޝްވަރާތައްކޮށްކޮށް، ގޮނޑިތަކުގެ ކަވަރުތައް އެހެރީ ހަލާކުވެފައި. އަޅުގަނޑުމެންނަށް ސިޓީ ބިޓީ ބަދަލުކުރެވުނު އަދަދެއް ނޭނގޭ. އަދިވެސް ހައްލެއް ނުވޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރަށް ފުރިހަމަ އަށް ހިންގަން ބޭނުންވާ ކަމަށް ސަރުކާރުން ބުނާ ކަމަށާއި އެހެން ނަމަވެސް ކައުންސިލްތަކަށް ލިބެން ޖެހޭ ހުރިހާ އެއްޗެއްގައި ފިނޭންސް މިނިސްޓަރު ހުންނަވަނީ އަތްޕުޅުއަޅުއްވައިގެން ކަމަށެވެ.

ބައެއް ކައުންސިލް އިދާރާތަކުން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑުމުގެ ސަބަބުން ބަންދުކޮށްފައި އެބަހުރި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ނަމަވެސް އެއީ ކިތައް ކައުންސިލް ކަމެއް އަދި ކޮންކޮން ކައުންސިލްތަކެއް ކަމެއް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ އެ ތަފާސްހިސާބުތައް ދެއްވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ބައެއް ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ސަރުކާރުން ވެސް އަންނަނީ ބުނަމުންނެވެ.