ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި އިންޑިޔާ އިން ފޮނުވާ ހޭނައްތާ ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މި މަހުގެ 14 އިން 19 އަށް އިންޑިއާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީ އޭ ކޭ އެންތަނީއާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ރާއްޖެ އަށް ދިމާވެފައިވާ ހޭނައްތާ ޑޮކްޓަރުންގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ހޭނައްތާ ޑޮކްޓަރުންގެ ޚިދުމަތް ލިބުމުގެ ދަތިކަން މިހާރު ރާއްޖެ އަށް ކުރިމަތިވެފައި ވާތީ، އެކަމަށް ހައްލެއް ހޯދުމަށް ކުރިއަށްއޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި އިންޑިޔާ އިން ފޮނުވާ ހޭނައްތާ ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިޔާގެ ޑިފެންސް މިނިސްޓަރާ އެކު ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކުރެއްވި ބައްދަލުވުމުގައި ދިވެހިން އިންޑިޔާ އަށް ދަތުރުކުރުމުގައި ކުރިމަތިވެފައިވާ ވިސާ ހޯދުމުގެ ދަތިކަމަށާއި އިންޑިޔާ އިން ދިވެހިރާއްޖެ އަށް އެތެރެކުރާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ތެރޭގައި ހިމެނޭ ހިލައާއި ހިލަވެލި ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ދިިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީ ކުރުމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯދުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

އިންޑިޔާގެ ޑިފެންސް މިނިސްޓަރާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އިންޑިޔާގެ ސާވިސް ޗީފުންނާއި އަދި އިންޑިޔާ ކޯސްޓްގާޑުގެ ޑައިރެކްޓާ ޖެނަރަލް އާއި މިނިސްޓަރު ނާޒިމް ވަނީ ބައްދަލު ކުރައްވައިފަ އެވެ.