ޕީޕީއެމް އަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެންމެ ނުފޫޒު ގަދަ އެއްޕާޓީ ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ފަހަކަށް އައިސް ފެންނަމުން ދަނީ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މަޖިސް މެންބަރުންނާއި އެ ޕާޓީގެ ބައެއް މެންބަރުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާތަނެވެ.

ސަރުކާރުގެ ކޯލިޝަނުން ވަކިނުވެ ރައީސް ވަހީދަށް ޕީޕީއެމްގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުންދާ ދިއުމާ މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ރައީސް ވަހީދަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ، އެމްޑީޕީއާ އެއް ހަމައެއްގައި ޕީޕީއެމްގެ ބައެއް މެންބަރުން ރައީސް ވަހީދަށް ފާޑުކިޔުން އެކި މީހުން ބަލައިގަތީ އެކި ގޮތް ގޮތަށެވެ. ސަރުކާރަށް ފާޑުކީ ބައެއް މެންބަރުންގެ ވާހަކަތަކުގެ އަސްލަކީ ސަރުކާރުގެ ތެރެއިން ހޯއްދަވަން އުޅުވި މަންފާ ލިބިވަޑައިނުގެންނެވުން ކަމަށް ބުނާ ފަރާތްތަކެއްވެ އެވެ. ހަމަ އެހެންމެ އެ ކޯލިޝަނުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ޕީޕީއެމްގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދު (ހިސްޓޯ) މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކުގައި ރައީސް ވަހީދަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފަ އެވެ.

އަލީ އާރިފް ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. ވަހީދު ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވައި ކުރިއޮތްއަށް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ވަހީދު ފުރައްސާރަ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވަހީދު ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތުހުމަތު ކުރައްވަމުން އަލީ އާރިފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ކޯޓުން ނެކްސްބިޒްގެ މައްސަލަ ކުރިއަށް ނުގެންދަން އަންގާފައި ވަނިކޮށް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިއްބެވީ ރައީސް ވަހީދަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ހަމަ އެހެންމެ ޝިފާގު ވިދާޅުވެފައި ވަނީ ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހަށާއި އެމަނިކުފާނާއި އެކުގައި ކޯލިޝަން ހައްދަވައިގެން ތިއްބެވި ފަރާތްތަކަށް އިހްތިރާމް ނުކުރައްވައި ކުރިއަށް ވަޑައިގަންނަވާ އިރު އެމަނިކުފާނުގެ ޕާޓީ އަށް ނިސްބަތްވާ އެއްވެސް މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ނެތް ކަން ހަނދުމަފުޅު ކުރައްވަން ޖެހޭނެ ކަމަށެވެ.

މި ސަރުކާރާއި ރައީސް ވަހީދާ ގުޅޭ ގޮތުން ޕީޕީއެމް މެންބަރުން ދައްކަވާ ވާހަކަތަކަށް އެމްޑީޕީން ކިތަންމެ ތާއިދު ކުރި ނަމަވެސް އެ ވާހަތަކެއް ޕީޕީއެމް ދެއްކުމުން އެކަމަށް އެމްޑީޕީން މަރުހަބާއެއް ނުކި އެވެ. އެމްޑީޕީ މެންބަރުން ވިދާޅުވަނީ ޕީޕީއެމް މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޕާޓީން ވެސް "ބަޣާވާތެއް ކުރި ކަމަށް" ބުނެ ދައްކަވަމުންދާ ވާހަކަތަކުން ރެކުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ރައީސް ޑރ. ވަހީދަށް ޕީޕީއެމް ފާޑުކިޔަމުންދަނީ މި ސަރުކާރު އުފެއްދުމަށް ޕީޕީއެމް މަސައްކަތް ނުކުރާ ކަމަށް ބުނެ "ބޯ ދަމައިގަނަން" ވެގެން ކަމަށެވެ.

"ޕީޕީއެމް މެންބަރުންގެ އަމަލުތަކުން މި ފެންނަނީ ބެދޭ މަޅިން ބޯ ދަމައިގަންނަން މަސައްކަތްކުރާ މަންޒަރު. ސަރުކާރު ގެންނަން ބަޣާވާތެއް ނުކުރާ ކަމަށް ވާންވެގެން މި އުޅެނީ. މި ސަރުކާރު މި އޮތީ ފެއިލް ވެފައިކަން ގިނަ ރައްޔިތުން ގަބޫލު ކުރާތީވެ ސަރުކާރަށް ފާޑު ކިޔާ ކަމަށް ހެދެން ބޭނުންވަނީ. ޕީޕީއެމް ބުނަން ބޭނުންވަނީ އެމީހުން ބުނާ ގޮތް ނުހެދީމަ އޭ ސަރުކާރު ފެއިލް ވީ. އެއީ އެއްވެސް އިހްލާސްތެރިކަމެއް ހުރެގެން ދައްކާ ވާހަކަތަކެއް ކަމަށް ނުދެކެން،" ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ ރައީސް ވަހީދަށާއި މި ސަރުކާރަށް މަޖިލިސް ބައެއްް މެންބަރުން ފާޑު ވިދާޅުވި ނަމަވެސް އެމީހުންގެ އިހްލާސްތެރިކަން ނެތްކަން ސާބިތުވާ ކަމަށެވެ. އޭގެ އެއް ހެއްކަކީ ސަރުކާރުން ކޮންމެ ފަދަ ބިލެއް ހުށަހެޅި ނަމަވެސް ސަރުކާރު ދިފާއު ކުރުމުގެ ބޭނުމުގައި ޕީޕީއެމް އިން އެ ބިލަކަށް ތާއިދު ކުރެއްވުން ކަމަށެވެ.

ޕީޕީއެމް މެންބަރުންގެ ފާޑުކިއުންތައް ރައީސް ވަހީދަށާއި މި ސަރުކާރަށް އަމާޒުވެފައިވާ އިރު ރައީސް ޑރ. ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ޕީޕީއެމް ބައެއް މެންބަރުން ފާޑު ކިއުންތަކުގެ އަސްލަކީ އެ މެންބަރުން ބޭނުންވާ ކަމެއް ސަރުކާރު ތެރެއިން ނުވުމުން އެކަމުގެ ރުޅިވެރިކަން ދައްކާލުން ކަމަށެވެ.

ރައީސް ވަހީދު ތަރުޖަމާނުކަން ވެސް ކުރައްވާފައިވާ އައްބާސް އާދިލް ރިޒާ ތުހުމަތު ކުރައްވަނީ ރައީސް ފާޑުކީ މެންބަރުނަށް ހޯދަން އުޅުނު ފައިދާއެއް ނުވީތީ ކަމުގަ އެވެ.

"އަޅުގަނޑަށް ހީވަނީ އެއީ ޕީޕީއެމްގެ ފާޑުކިއުމެއް ނޫންހެން. އެއީ ޕީޕީއެމްގައި ހިމެނިވަޑައިގެންނަވާ މެންބަރުންގެ ޒާތީ ކަމަކާ ގުޅިފައިވާ ކަމެއްހެން. އެ މެންބަރުން ބޭނުންވާ ކަމެއް ނުވީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،"

އޭނާ ވިދާޅުވީ ޕީޕީއެމް މެންބަރުން ފާޑުކީ ނަމަވެސް ޕީޕީއެމް ތިބީ ސަރުކާރާއި އެކު ކޯލިޝަން ތެރޭގައި ރައީސް ވަހީދާއި އެކުގަ ކަމަށެވެ. އަދި ޕީޕީއެމް އިން ރައީސް ވަހީދުގެ ފަހަތްޕުޅަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ޔަގީން ކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ރައީސްގެ ޕާޓީން ވެސް ދެކެނީ ޕީޕީއެމް މެންބަރުންގެ ފާޑުކިއުންތަކަކީ އަމިއްލަ ފައިދާއެއް ހާސިލް ނުވުމުން ކަމަށް ދައްކަވާ ވާހަކަތަކެއް ކަމަށެވެ.

ޕީޕީއެމް މެންބަރުންގެ ފާޑު ކިއުންތަކާ މެދު އެކި މީހުން އެކި ގޮތަށް ދެކޭ އިރު ރާއްޖޭގައި އެންމެ ބޮޑު ދެ ފިކުރަކީ ޕީޕީއެމް އާއި އެމްޑީޕީ ކަމަށް ބުނެ ޕީޕީއެމް މެންބަރުން ވާހަކަ ދައްކަނީ ރިޔާސީ އިންތިހާބުގައި ގައުމީ އިއްތިހާދު ޕީޕީއެމް މައްޗަށް ކުރި ހޯދަފާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބައެއްް މީހުން ބުނެ އެވެ.

އަދާލަތު ޕާޓީން ދެކެނީ އަންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާނެ ކަމަށާއި އަދި އެ ބުރުގައި ވާދަކުރަން ޖެހެނީ އެމްޑީޕީއާ އެކު ރައީސް ވަހީދު ކަމަށެވެ. އެހެން ކަމުން އެކަމުގެ ބިރު ޕީޕީއެމްގައި އޮތް ކަމަށް އަދާލަތު ޕާޓީގެ ބައެއް މެންބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ޕީޕީއެމް އިން ފާޑުކީ މެންބަރުންނާ ދޭތެރޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޝިފާގު ރައީސް ވަހީދަށް ފާޑު ވިދާޅުވީ އޭނާގެ ބޭބެއެއް މެލޭޝިޔާގެ ހައިކޮމިޝަނުގައި ހުންނެވި މައްސަލައިގައި ކަމަށާއި އަދި އަލީ އާރިފް ސަރުކާރަށް އެވަރަށް ފާޑު ވިދާޅުވީ އޭނާގެ އާއިލާގެ ބޭފުޅުންތަކަށް ވަޒީފާ ހަމަ ޖައްސައިނުދީގެން ކަމަށެވެ.

ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް ޕީޕީއެމް އޮތީ އަދިވެސް މި ސަރުކާރަށް ތާއިދުކޮށްގެންނެވެ. ކަމުނުދާ ނަމަ ސަރުކާރުން ވަކި ވާނެ އެވެ. އެހެން ނޫން ނަމަ މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ފާޑުކިއުން ޕީޕީއެމް އަށް ވެސް އަމާޒުނުވެ ނުދާނެ އެވެ. އަދި ފާޑުކިޔަމުންދާ މެންބަރަކު ފާޑުކީ ކޮން މަންފާއެއް ނުލިބިގެންތޯ އާންމު މެންބަރުން ބަލާނެ އެވެ. ސަރުކާރަށް ތާއިދުކުރާ ޕާޓީގެ މެންބަރުން ގިނަ ފަހަރަށް އެ ސަރުކާރަށް ފާޑުކިޔާފައި ވަނީ އެ ސަރުކާރަކުން ހޯދަން އުޅޭ މަންފާއެއް ނުލިބިގެންނެވެ. އެގޮތައް އަޑު ގަދަ ކޮށްލުމުން އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް އެކަމެއް ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. އަނގަ ބަންދުކުރުމުގެ ބޭނުމުގައި ނަމަވެސްމެ އެވެ. އެހެން ކަމުން ޕީޕީއެމް ބައެއް މެންބަރުން ފާޑުކިއުން އަމާޒުވާ ސަބަބެއް އޮންނާނެ އެވެ.

ޕީޕީއެމް އަށް ބަލާއިރު އެ ޕާޓީގެ ޕާލަމެންޓް މެންބަރުން އެ ޕާޓީގެ ފިކުރާ ހިލާފަށް އެ ހައި ފާޅުކޮށް މަޖިލީހުގައި ވާހަކަ ދައްކައިފާނެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.