17 Apr 2013, 10:32
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 305 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ވަގުތީ ހިސާބުތަކުން ދައްކާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ވަގުތީ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 305 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށާއި އަދި މި އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އަދި މި އަހަރު އެ ޓާގެޓަށް ވާސިލް ވާނެ ކަމަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮތްކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ ގައުމީ އެއާޕޯޓްގެ ފައިދާ 305 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު އޭގެ ތެރެއިން އެންމެ ބޮޑު އާމްމުދަނީއެއް ލިބިފައި ވަނީ މަތިންދާ ބޯޓަށް އަޅާ ތެލުގެ ވިޔަފާރިންނާއި ޑިއުޓީ ފުރީ ފިހާރަތަކުން ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ޖީއެމްއާރުން ހިންގި އިރު ވިއްކި ޖެޓް ފިއުލަށް ވުރެ މި އަހަރު ޖެނުއަރީ މަހު ވިއްކި ޖެޓް ފިއުލްގެ މިންވަރު ދަށްވި ނަމަވެސް ފެބުރުއަރީ މަހުގައި 1.2 މިލިއަން ލީޓަރު އިތުރުރަށް ވިއްކާފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހަށް ވުރެ 7.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މާޗް މަހު 1.8 މިލިއަން ލީޓަރު ތެޔޮ އިތުރަށް ވިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި ބުނީ ޑިއުޓީ ފުރީ ފިހާރަތަކުން ލިބުނު އާމްމުދަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 105 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ގައުމީ ވައިގެ ބަނދަރުން ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާ 305 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު އެމްއޭސީއެލް އިން އެއާޕޯޓް ހިންގުމަށް ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅުގަ އެވެ. އޭގެ ކުރިން އެ އެއާޕޯޓް ހިންގާފައި ވަނީ އިންޑިއާގެ ޖީއެމްއާރުންނެވެ. ޖީއެމްއާރް އިން އެއާޕޯޓް ހިންގި ގޮތާ ބެހޭ ގޮތުން ދާދި ފަހުން އޮޑިޓާ ޖެނެރަލް ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރުން އެމްއޭސީއެލް އަށް ދައްކަން ޖެހޭ ކޮންސެޝަން ފީ އިން އޭޑީސީ ޗާޖު އުނިކުރުމަށް އޭރުގެ ސަރުކާރުން އެއްބަސްވުމާ ގުޅިގެން 2012 ވަނަ އަހަރުގެ ސެޕުޓެމްބަރު މަހުގެ ނިޔަލަށް 23 މިލިއަން ޑޮލަރުގެ ގެއްލުން ސަރުކާރަށް ލިބިފައިވާ ކަމަށެވެ.