17 Apr 2013, 10:27
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި އެވަޓަން ބައްދަލު ކުރިމެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުގެ ސަބަބުން ލީގުގެ ގަދަ ހަތަރެއްގައި ހިފަހައްޓަން އާސެނަލް ކުރަމުން އަންނަ އުއްމީދުތަކަށް ހިޔަނި އެޅިއްޖެ އެވެ.
ލީގުގައި އެކުލަބަށް ބާކީ ފަސް މެޗު ކުޅެއް އޮތް އިރު ރޭގެ މެޗުން އެއްވަރުވެ ޕޮއިންތަކުން ފުއްދާލަން ޖެހުމުން 60 ޕޮއިންޓާ އެކު އެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތް ނަމަވެސް 58 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ބާކީ ހަތް މެޗު އަދި 58 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް ޓޮޓެންހަމްއަށް ބާކީ ހަ މެޗު ކުޅެން އޮތުމުން އާސެނަލްއަށް ގަދަ ހަތަރެއްގައި އޮވެވޭނީ ޗެލްސީއާއި ޓޮޓެންހަމް ކުރިއަށް އޮތް މެޗުތަކުން ނެރޭ ނަތީޖާތަކުންނެވެ.
އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ނަތީޖާ ބަދަލު ކޮށްލާނޭ ރަނގަޅު ފުރުސަތުތަކެއް އާސެނަލް އަށް ލިބުނު ނަމަވެސް އޭގެ ބޭނުން ނުހިފި ވަނީ ބޭކާރު ވެފައެވެ. އެގޮތުން އޮލިވަ ގިރޫޑްއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ.
ރޭގެ މެޗުން އެއްވަރުވުމުން އާސެނަލްގެ ކޯޗު އާސީން ވެންގާ ވަނީ ރެފްރީގެ ބައެއް ނިންމުންތައް ރަނގަޅު ނޫންކަމަށް ބުނެފައެވެ. އަދި އެވަޓަންއިން ފިޒިކަލް ގޭމެއްކުޅެ އެއްވަރު ކުރިނަމަވެސް އަދިވެސް އާސެނަލް އޮތީ ގަދަހަތަރަކަށް ރަނގަޅު ފައިޓެއް ދެވޭ ހިސާބެއްގައި ކަމަށް ވެންގާ ބުންޏެވެ.
ތާވަލުގެ ހަ ވަނައިގައި 56 ޕޮއިންޓާއެކު އޮތް އެވަޓަންގެ ކޯޗު ޑޭވިޑް މޮޔެސް ބުނީ ޔޫރޮޕާ ލީގުން ފުރުސަތެއް ލިބޭނެކަން މިހާރު ވަރަށް ބޮޑަށް ޔަގީންކަމަށާއި އެހެން ނަމަވެސް އޭނާ މިފަހަރު ބޭނުން ވަނީ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކަމަށެވެ. އަދި ރޭގެ ނަތީޖާ އިން އެންމެ ބޮޑު ފައިދާއެއް ކުރާނި 58 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް ޓޮޓެންހަމް އަށްކަމަށް އޭނާ ބުންޏެވެ.
އާސެނަލް އަށް ލީގުގައި ބާކީހުރި މެޗުތަކަށް ބަލާއިރު އެންމެ އަވަހަށް އެކުލަބު ކުޅެން ޖެހޭނީ އަންނަ ހޮނިހިރު ދުވަހު ފުލަމްއާ އެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ޓައިޓުލް ކަށަވަރުކުރަށް ހަތްޕޮއިންޓު ހޯދަން މަސައްކަތްކުރާ މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރަން އޮތް އިރު އަންނަ މަހު ހަތަރެއް އަދި 14 ގައި އެކުލަބު ވާދަކުރަން ޖެހެނީ މިހާރު ވެސް ރެލިގޭޝަނުން މިންޖުވާން މަސައްކަތްކުރަމުން އަން އިޔުޕީއާރު އަދި ވިގަންއާ އެވެ. ލީގުގެ އެންމެ ފަހު ދުވަހު އާސެނަލް ޖެހެނީ ނިއުކާސަލްއާ އެކު ރަށުން ބޭރުގައި ކުޅޭށެވެ.