މިރޭ ޑީއާރުޕީން ބާއްވާ މުޒާހަރާއަށް އެއްވުމަށް ގޮވަމުން ދިޔަ ޕިކަޕް އެމްޑިޕީ ބަޔަކު ހިފަހައްޓައި އެ އަށް ގެއްލުން ދީފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީ އޮފީސް ކުރިމަތިން ސަންއެފް އެމް އޮންލައިނަށް މައުލޫމާތު ދެމުން އެ ވަގުތު ޕިކަޕްގައި އިން މީހާ ބުނީ އެމްޑީޕީ ބަޔަކު އައިސް އޮލިންޕަސް ކައިރިން އެ ޕިކަޕު ހިފަހައްޓައި ޕިކަޕުގެ ސައުންޑް ސިސްޓަމަށް ގެއްލުން ދިން ކަމަށެވެ. އޭނާ އަދި ބުނީ އެ މީހުންގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް ހުންނެވި ކަމަށެވެ.


"އަޅުގަނޑު އިނީ ޕިކަޕުގައި މުޒާހަރާ އަށް އެއްވުމަށް މީހުންނަށް ގޮވަން. އެހެން އިންދާ އޮލިންޕަސް ކައިރިން ރީކޯ މޫސާ މަނިކާއި ވިއްސަކަށް މީހުން ޕިކަޕް ކުރިމައްޗަށް އަރައި ޕިކަޕް ހިފެހެއްޓީ. ދެން މީހަކު އައިސް އަޅުގަނޑު ވާހަކަ ދައްކަން އިން މައިކުގައި ހިފައި ދަމައިގަނެ ވާގަނޑު ވެސް ހަލާކުކޮށްލީ." އެ މީހާ ބުންޏެވެ.


ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ހަވީރު ވިދާޅުވީ އެމްޑީޕީ ބަޔަކު ޑީއާރުޕީގެ ޕިކަޕް ހިފެހެއްޓި ކަމަށެވެ.


‹އަޅުގަނޑަކީ މަގުމައްޗަށް ނުކުމެ މީހުންގެ ޕިކަޕު ހިފަހައްޓަމުން ދުވާ މީހެއް ނޫން›


އެކަމާ ގުޅޭ ގޮތުން ސަން އެފްއެމް އޮންލައިނުން ސުވާލު ދެންނެވުމުން ޑީއާރުޕީގެ އެ ވާހަކަ  މުސާ މަނިކު ވަނީ ދޮގުކުރައްވައިފަ އެވެ.  


"އަޅުގަނޑު ނުވެސް ދެނަ ހުރިކަމެއް ތިޔައީ. ޑީއާރުޕީން ބުނާ ކޮންމެ އެއްޗެކީ ތެދަކަށް ވާނެތޯ؟ އެހެން ނޫނަސް އަޅުގަނޑަކީ މަގުމައްޗަށް ނުކުމެ މީހުންގެ ޕިކަޕު ހިފަހައްޓަމުން ދުވާ މީހެއް ނޫން." މޫސާ މަނިކު ވިދާޅުވި އެވެ.


މޫސާ މަނިކު ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ ގެ ކޮޅުދޮށުގައި ޑީއާރުޕީ މީހުން އަޑުގަދަކޮށް ހަދާފައިވާ ކަމަށެވެ.


"ޑީއާރުޕީ މީހުންނަށް މިހާރު ވެސް ކުރެވޭވަރު ކުޑަވެގެންތޯ އެ އުޅެނީ. އަޅުގަނޑުމެން ގޭދޮށަށް އެއްވެ އަނބިދަރިން ބިރުގަންނާނެހެން ދަންޖައްސަން ވެސް ޑީއާރުޕީ މީހުންގޮވި،" މޫސާ މަނިކު ވިދާޅުވި އެވެ.