17 Apr 2013, 10:18
ބަޣްދާދު (އެޕްރީލް 17) : ޓެރަރިޒަމްގެ ޢަމަލުތައް ހިންގިކަމުގެ ކުށް ސާބިތުވެގެން މެރުމަށް ޙުކުމްކޮށްފައިވާ ޢިރާޤުގެ ކުށްވެރިންގެ ތެރެއިން 21 މީހަކަށް މަރުގެ އަދަބު ދީފި އެވެ.
ޢިރާޤުގެ ޖަސްޓިސް މިނިސްޓްރީ ބުނިގޮތުގައި މި އެކާވީސް މީހުންނަކީ ވެސް އެމީހުންގެ މައްޗަށް އުފުލުނުޓެރަރިޒަމް ދަޢްވާތަކާގުޅިގެން ފުރިހަމަކުރަންޖެހޭ ކޯޓުމަރްޙަލާތައް ފުރިހަމަކޮށްފައިވާ މީހުން ކަމުގަ އެވެ. މިގެއިތުރުން މި އެކާވީސް މީހުންނަކީ އެމީހުންގެ މައްޗަށް ކޮށްފައިވާ ޙުކުމްތައް ޢިރާޤުގެ ރައީސް ޖަލާލުއްތަލަބާނީ ތަސްދީޤު ކުރައްވާފައިވާ މީހުން ކަމަށް ޢިރާޤުގެ ޖަސްޓިސް މިނިސްޓްރީން ބުނެފައިވެއެވެ. އެ 21 މީހުންނަށް ވެސް މަރުގެ އަދަބު ދީފައި ވަނީ ދަންޖައްސައިގެންނެވެ.
ޢިރާޤުގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއް ބުނާގޮތުން ދަންޖައްސައިގެން މަރުގެ އަދަބު ދެވުނު މި އެކާވީސް މީހުންގެ ތެރޭގައި ހިމެނެނީ ކާރުބޮމެއް ގޮއްވާލައިގެންސަތާރަ މީހަކު މެރުމުގެ ކުށްސާބިތުވެފައިވާނުވަމީހަކާއި ޢިރާޤުގެ އަންހެން ޑޮކްޓަރަކު މަރާލިކަމުގެ ކުށް ސާބިތުވާ ދެމީހަކާއި ޢިރާޤުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ އަވަހާރަކޮށްލުމަށް ދުރާލައި ރާވައިގެން ބޮމެއް ގޮއްވާލިކަން ސާބިތުވާ ފަސްމީހެއްގެ އިތުރުން އާންމުންގެ މީހަކު މެރިކަން ސާބިތުވެފައިވާ މީހެކެވެ.
ޢިރާޤަކީ ދުނިޔޭގައި އެންމެ ގިނައިން ބޮންގޮއްވުމާއި އެނޫންވެސް ޓެރަރިޒަމްގެ ޢަމަލުތައް ހިނގަމުންދާ ގައުމެވެ. ޢިރާޤުގައި ކާރުބޮމެއް ނޫނީ އަމިއްލައަށް މަރުވެގެން ބޮންތަކެއް ގޮއްވާލައިގެން އެތަށް ބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްނުލާ ދުވަހެއް ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ޢިރާޤުގެ ހިންގާ ބޮންގޮއްވުމުގެ ޙަމަލާތަކުގައި އަހަރެއްގެ މައްޗަށް ތރީސް ހާހާއި ފަންސަވީސް ހާހާ ދެމެދުގެ ޢަދަދަކަށް މީހުން މަރާލައި ދޮޅު ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލެވޭ ކަމަށް ޢިރާޤު ސަރުކާރުގެ ތަފާސް ހިސާބުތައް ބުނެ އެވެ.
ޢިރާޤުގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް އެގައުމުގެ ބައެއް ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދެއެވެ. ނަމަވެސް ޢިރާޤުން ބުނަކީ ފުޅާދާއިރާއެއްގައި އެގައުމުގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް މިހާވަރަށްވެސް ކޮންޓްރޯލް ކުރެވެނީ މަރުގެ އަދަބު ދެވޭތީ ކަމަށާ މަރުގެ އަދަބު ނުދެވޭނަމަ ޢިރާޤުގައި ހިންގާ ޖަރީމާތަކުގެ މިންވަރު ހައްދުފަހަނަޅައި ހިނގައިދާނެތީ މަރުގެ އަދަބު ދިނުން ހުއްޓާނުލާނެ ކަމުގައެވެ. (ނޫސްއެޖެންސީތައް)