ބޮސްޓަން (އެޕްރިލް 17) : އެމެރިކާގެ ބޮސްޓަންގައި ކުރިޔަށްދިޔަ ބޮސްޓަން މެރަތަން ރޭހަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި ނަމަވެސް އެހަމަލާތައް ދިން ބަޔަކާއި އެކަމުގެ ފަހަތުގައިވާ ފަރާތްތައް އަދި ނޭންގޭ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އޮބާމާ ވިދާޅުވީ ބޮސްޓަން މެރަތަން ރޭހަށް އަމާޒުކޮށް ދިނީ ޓެރަރިސްޓް ޙަމަލާއެއް ކަމަށާއި މިކަން ކުރިބަޔަކާއި އެކަމުގެ ފަހަތުގައިވާ ބަޔަކު އެމެރިކާއިން ހޯދައި އިންސާފުގެކުރިމައްޗަށް ޙާޒިރުކޮށް ދޭންޖެހޭ އަދަބު އެމެރިކާއިން ދޭނެ ކަމުގަ އެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ ބަޔަކު ހިންގި ޢަމަލެއް ކަމަށްވިޔަސް އަދި ބޭރުގެ ބަޔަކު ނޫނީ ޖަމާއަތަކުން ހިންގި ޢަމަލެއް ކަމަށްވިޔަސް އެމެރިކާއިން އެ ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ޙާޒިރުކޮށް ދޭންޖެހޭ އަދަބުދޭކަމުގެ ޔަގީންކަން އެމެރިކާގެ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

ނަމަވެސް އެފްބީއައި އިން ފަށާފައިވާ އެކަމުގެ ތަޙުގީގުތައް އަދި ވަނީ އޭގެ އެންމެ ފުރަތަމަ މަރްހަލާގައި ކަމަށާއި މިކަމުގެ ޙަޤީޤަތް ހޯދުމަށް ވަގުތު ނެގުން އެކަށީގެންވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އެމެރިކާއަށް ދެވޭ މިބާވަތުގެ ޙަމަލާތައް އަލްގައިދާގެ ބޮލުގައި އަޅުވާ ގޮތަށް، ބޮސްޓަންގެ ހަމަލާތަކުގެ ޒިންމާ އެމެރިކާއިން އަލްޤާޢިދާގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ. އަދި ސެޕްޓެމްބަރު 11 ގެ ޙަމަލާތަކާ ޚިލާފަށް ބޮސްޓަންގެ ޙަމަލާތަކާގުޅިގެން ހަރުކަށިކަމާއި އަނިޔާވެރިކަން ކުރިޔަށް ނެރުމުގެ ބަދަލުގައި އެމެރިކާ އިޚްތިޔާރުކޮށްފައިވަނީ މައިތިރި ޒިންމާދާރު އަދި ތަހުޒީބު ގޮތްތަކެވެ. އަދި ކުރިން ކަންތައްކުރާގޮތަށް އަވަސް އަރުވާލާފައި މުސްލިމް ގައުމެއްގެ ނޫނީ ޖަމާއަތެއްގެ ބޮލުގައިވެސް މިކަމުގެ ޒިންމާ އަޅުވައިގެން އިންޕީރިއަލިސްޓް ލަނޑުދަނޑިތަކެއް ޙާސިލްކުރަން އެމެރިކާ މަސައްކަތްކުރާ މަންޒަރު މިފަހަރު އަދި ފެނިފައިނުވާކަން މުޙައްލިލުން ފާހަގަ ކުރައްވައެވެ.

އެފް.ބީ.އައި. ގެ އިސްވެރިއެއް ކަމަށްވާ ރިޗަޑް ޑީ ލޮރެޔޭ ވިދާޅުވީ ބޮސްޓަންގެ ޙަމަލާތަކުގެ ތަޙްޤީޤްތައް މިހާރު ފަށާފައިވާ ކަމަށާ ތަޙްޤީޤްތަކަށް ބައެއް ކުރިއެރުންތައްވެސް ލިބެމުންދާކަމުގައެވެ. ނަމަވެސް މިކަމުގެ ތަފްސީލް އޭނާ ދެއްވާފައެއްނުވެއެވެ. ބޮސްޓަން މެރަތަން ރޭހަށް އަމާޒުކޮށްގެން ދެ ބޮމެއް ގޮއްވާލުމުގެ ސަބަބުން 3 މީހަކު މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމް ވެފައިވެއެވެ. މީގެތެރެއިން އެއްބޮން ގޮއްވާލާފައިވަނީ މެރަތަން ރޭސް ކުރިޔަށްދާތަން ބެލުމަށް ތައްޔާރުކޮށްފައިވާ ސްޓޭޖެއްކަހަލަތަނެއްގެ ކައިރީގައެވެ. އަނެއްބޮން ގޮއްވާލާފައިވަނީ އެހިސާބުގެ ކައިރީގައިވާ ކުޅިވަރުގެ ސާމާނު ވިއްކާ ފިހާރައެއްގެ ކުރިމަތީގައިކަމަށް ވެއެވެ. މިދެބޮމަކީވެސް ބޮސްޓަން މެރަތަން ރޭހުގެ ބައިވެރިންނަށް އަމާޒުކޮށްގެން ދިން ޙަމަލާއެއް ކަމަށްވަނީ ބެލެވިފައެވެ.

މަންޒަރުދުށްމީހުން ބުނެފައިވާގޮތުން ބޮސްޓަންގައި ކުރިޔަށްދިޔަ މެރަތަން ރޭސް ނިންމާ ލައިންގެ ކައިރީގައިވަނީ މިޙާދިސާގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ލެއާއި މަސްތަކުން ތަތްތެޅިފައެވެ. މަރުވި މީހުންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބައިތައްވެސް އެތަނުގައި ހުރިކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. މިހާދިސާގައި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 140 އަށް އަރާފައެވެ.(ނޫސްއެޖެންސީތައް)