ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހާމަކުރައްވައިފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އިލްހާމް ވިދާޅުވީ ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހުނީ މައިގަނޑު ހަ ސަބަބަކާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމުން އެހެން ޕާޓީތަކާ ކޯލިޝަން ނެހެދުމުގެ ސަބަބުން ޕާޓީ ބަލިކަށިވެ އެމްޑީޕީގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނާން ފަށާފައިވާ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި ޕީޕީއެމް އަށް ވެރިކަން ލިބިދާނެ ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި ޒާތީ މައްސަލަތައް ގިނަވެ، ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އަދި ޕީޕީއެމް އަށާއި ރައީސް މައުމޫނަށް ޓަކައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގަތް އުމަރު ނަސީރު އެޕާޓީން ވަކިކުރުމަށް ނިންމާފައިވާ ކަމަށާއި އުމަރަކީ ޕީޕީއެމްގެ ޒުވާނުންގެ ވިންދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިވަގުތު ވިސްނަންވީ އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތަށް އަމަލު ކުރުން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ޕީޕީއެމްގެ ބޮޑުބައެއް ހިއްސާވާ ސަރުކާރެއް ކަމަށާއި ނަމަވެސް ޕީޕީއެމުން އެކަން މިހާރު ހަނދާން ނައްތައިލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްހާމް ވަނީ އޭނާ ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމަށް ހޮއްވެވުމަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ޕާޓީ އާއި މަގާމަކީ ގައުމާ އަޅައި ބަލާއިރު، މުހިންމު އެއްޗެއް ނޫންކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގަތީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު އަދި ޕާޓީގެ ކުރީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާ ވާދަކުރައްވައި ބޮޑުތަފާތަކުންނެވެ.