16 Apr 2013, 22:42
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ބައްދަލުކުރި މެޗު، ހަތަރެއް ސުމަކުން އީގަލްސް ބަލިކޮށް ނިއު ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.
މިއަދުގެ މެޗުގައި ނިއުއިން ކާމިޔާބު ކުރި ހަތަރު ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފަހުހާފުގައެވެ. އެގޮތުން ނިއުގެ ފުރަތަމަ ލަނޑުު މެޗުގެ 61 ވަނަ މިނިޓުގައި އެކުލަބަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރުއެވެ. އަދި އެނަތީޖާ ދެގުނައަށް ފުޅާކޮށްދިނީ 79 ވަނަ މިނިޓުގައި މޫސާ ޔާމީންއެވެ. ނިއުގެ ތިންވަނަ ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ 82 ވަނަ މިނިޓުގައި އީގަލްސްގެ އިސްމައިލް ޝަފީއު އެ ކުލަބުގެ ޕެނަލްޓީ އޭރިޔާތެރެއިން ނިއުގެ މުހައްމަދު އުމެއިރުއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު (ދަގޭ)އެވެ. އަދި އޭގެ ތިން މިނިޓުފަހުން އަޝްފާގު ތަނަވަސްކޮށްދިން ފުރުސަތަކުން ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނިޔާޒުއެވެ.
މިއަދުގެ މެޗާއެކު ލީގުގައި މިހާތަނަށް ކޮންމެ ޓީމަކަށް ފަސްމެޗު ކުޅެވުނުއިރު ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއެންޓް އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 15 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިންވަނައިގައި ކުލަބު ވެލެންސިޔާ އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. އަދި ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަ ޕޮއިންޓާއެކު ފަސްވަނައިގައި ބީޖީ އޮތްއިރު ހަވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ހަތްވަނައިގައި ދެ ޕޮއިންޓާއެކު ވީބީ އޮތް އިރު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ އޭވައިއެލްއެވެ.
ދިރާގު ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރުދުވަހު ހަވީރުއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އާއި ބީޖީ ސްޕޯޓްސް އެވެ.