ހައްޖަށް ގެންދާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލި މާލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ދިރިއުޅޭ ގެކައިރިއަށް ބަޔަކު އެއްވެ އިހްތިޖާޖުކޮށްފި އެވެ.

މާލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފުގެ ބައްޕަ އަތަމާ އަބްދުއްލަތީފްގެ ގެ ކަމަށްވާ ފަރީދީ ހިނގުމުގައި ހުންނަ މ. މެޑޯގެ ކުރިމައްޗަށް ގިނަބަޔަކު އެއްވެ ޝުއޫރުފާޅުކުރަމަށްފަހު އެ ގޭތެރެއަށް ވަދެގަތް އިރު އެ ގޭ ސިޓިންރޫމްގައި އަތަމާ އަބްދުއްލަތީފާއި އޭނާގެ އަންހެން ދަރިކަނބަލުން އިންނެވި އެވެ.

އެ ތަނުގައި ތިބި މީހުން ގެންދިޔައީ އަތަމާ އަބްދުއްލަތީފްގެ އާއިލާއަށް ނިސްބަތްކޮށް ވަރަށް ހަރުކަށި ކޮށް އިންޒާރުތައް ވެސް ދެމުންނެވެ. ނަމަވެސް އެ އާއިލާއިން އެ މީހުންނާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނެ ތިއްބެވީ ހަނެވެ. އަދި މީޑިއާ އަށްވެސް އެއްޗެސް ވިދާޅުވާން ބޭނުންނުވާ ކަމަށްވެސް އަތަމާ އަބްދުއްލަތީފްގެ އާއިލާއިން ބުންޏެވެ.

އިހްތިޖާޖު ކުރަމުން ގެންދިޔަ މީހުން ބުނަމުން ދަނީ އެމީހުން އެ ގޭ ތެރެއަށް ވަތް އިރު އެގޭ ތެރޭގައި މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުލް ލަތީފް (މާލް) ހުންނެވި ކަމަށާއި އެމީހުން ފެނުމުން އޭނާ ދުވެފައި ގޮސް އެތެރެއަށް ވަދެ ފިލީ ކަމަށެވެ. އެ މީހުން ގޮވަމުން ދިޔައީ މާލް އޮތް ތަނަކުން ނެރެދިނުމަށާއި، އަދި މިރޭ އޭނާއާ ބައްދަލުކޮށް އެކަމަށް އެދެވޭ ޖަވާބެށް ލިބުމުން ނޫނީ އިހްތިޖާޖު ނުހުއްޓާނެ ކަމަށެވެ.

މިރޭ ގާތްގަނޑަކަށް 8:00 ޖަހާކަންހާއިރު މެޑޯގެ ދޮށަށް އެއްވި މީހުން އެ ގޭތެރެއަށް ވަދެ ޝުއޫރު ފާޅުކުރަމުން ދަނިކޮށް އެތަނަށް ފުލުހުން ގޮސް އެމީހުން ވަނީ އެ ގޭތެރެއިން ނެރެ އެ މަގު ވެސް ބަންދު ކޮށްފަ އެވެ.

މިރޭގެ އިހްތިޖާޖުގައި ފުލުހުން އެއްވެސް މީހަކު ހައްޔަރުކުރި ތަނެއް ފެނިފައެއް ނުވެއެވެ. އަދި ކުރިމަތި ލުމެއް ހިނގި ތަނެއް ފެނިފައެއް ވެސް ނުވެއެވެ.

ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންނަށް އޮޅުވާލައިގެން މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މަލީޝާ ޖަމާއަތުން އޮޅުވާލުމުގެ ސަބަބުން ހައްޖަށް ނުދެވުނު އެންމެން މިއަހަރު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި މާލުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.