ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފަށް އެގައުމުގެ އާއްމު އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަންސް ޓްރައިބިއުނަލްއިން ބުނެފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ގޮޑިއެއް ކާމިޔާބުކުރެއްވުމަށް މުޝައްރަފު ކުރިމަތިލައްވާފައި ވަނީ ޗިތުރަލް، ކަރާޗީ، ކަސޫރު އަދި އިސްލާމްއާބާދު ގެ ގޮޑިތަކަށެވެ. މިދާއިރާތަކުގެ ތެރެއިން އިލެކްޝަންސްއިން މުޝައްރަފުގެ ކެންޑިޑޭސީ ބަލައިގެންފައި ވަނީ ހަމައެކަނި ޗިތުރަލް ދާއިރާއިން ނެވެ.

ޕާކިސްތާނުގެ އާއްމު އިންތިހާބަށް މަސްދުވަހަށް ވުރެއް ކުޑަ މުއްދަތެއް ބާކީ އޮއްވާ، އެގައުމުގެ އިލެކްޝަން ޓްރައިބިއުނަލްއިން ނިންމާފައި ވަނީ ކަސޫރު އަދި އިސްލާމްއާބާދުގެ ދާއިރާއިން މުޝައްރަފަށް ވާދަނުކުރެއްވޭނެ ކަމަށް މީގެ ކުރިން ނިންމުމަށް ފަހުގަ އެވެ.

ޕާކިސްތާނުގެ ޕެޝާވަރުގެ ހައި ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލްއިން ނިންމާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނުއަސާސީއާ ހިލާފަށް މުޝައްރަފު އެގައުމުގައި ކުއްލި ހާލަތު އިއުލާންކުރި މައްސަލާގައި، މުޝައްރަފު ގާނޫނުއަސާސީއާ ހިލާފުވެފައިވުމުން އޭނާއަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ.

މިމައްސަލަ ޕާކިސްތާނުގެ އިންތިހާބާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މުޝައްރަފާ ދެކޮޅަށް ހަތަރު ދާއިރާއިން ކުރިމަތިލީ ކެންޑިޑޭޓުން ނެވެ.

ޕާކިސްތާނަށް އެނބުރި ވަޑައިގަތުމަށްފަހު މުޝައްރަފު ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފަ އެވެ. އަދި 2007 ގައި ކުއްލި ހާލަތު އިއުލާންކުރި މައްސަލާގައި ޖަލަށް ދާން ޖެހުނަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.