ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ގިނަބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބޮޑެތި ކުލަބުތަކުގެ އިސްވެރިންނާއި، ކުޅުންތެރިންނާއި އަދި ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ހިމެނެއެވެ. ހަމަ އެހެންމެ އެ އިދާރާއަށް އެންމެ ފަހުން ގެނެވުނު "ބޮޑު ބަދަލު"ގެ ފަހަތުގައި ގިނަ އަދަދެއްގެ ފައިސާވެރިންނާއި ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާކޮމެޓީ އަލުން އިންތިހާބުކޮށް އަދި ރައީސަކު ހޮވުމަށް ބޭއްވީ އިންތިހާބަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ހަމަނުޖެހުން ބޮޑުވި ހާދިސާއެވެ. ދެފަހަރެއްގެ މަތިން ބާއްވަން އުޅެ ނުބޭއްވިގެން އެންމެފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިންޒާރުތަކާއެކު އެ އިދާރާގެ ފުރިހަމަ ބެލުމުގެ ދަށުން ބޭއްވި އިންތިހާބުގައި އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއާ ވާދަކުރަށްވައި އިންތިހާބު ކާމިޔާބު ކުރެއްވީ، ވީބީ އައްޑޫ އެފްސީގެ ފަރާތުން އިންތިހާބަށް ކުރިމަތިލެއްވި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުއެވެ.

އިންތިހާބައްފަހު މަގާމާ ހަވާލުވެލެއްވުމަށްފަހު ނޫސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައިވެސް އިލްހާމް އަދި އެފްއޭއެމްއަށް އަލަށް އައްޔަންކުރެވުނު އިންހާމްގެ ޓީމުންވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ވަރަށް ފޮނި އަދި އެހާމެ އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

އެހެން ނަމަވެސް އިލްހާމް އެކުލަބެއްގެ ފަރާތުން އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ)ގެ ނަޒަރުގައި އެފްއޭއެމްއަށް ގެނެވުނު ބަދަލަކީ އެއްގޮތަކަށްވެސް އޭނާ އުއްމީދު ކޮށްގެން ހުރިވަރުގެ ރަގަޅު ބަދަލެއް ނޫނެވެ. އަދި ސަތޯ ވަނީ އެފްއޭއެމް މިހާރު ހިންގަމުން ގެންދާ ގޮތާމެދު ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

ސަތޯ ބުނިގޮތުން ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ ގިނައިން ވާހަކަދެއްކި އެކަކަށް އޭނާ ވާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފުޓްބޯޅައިގެ މައި އިދާރާއަށް ވާނީ ވަރަށްބޮޑު އަދި އުއްމީދީ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އެހެން ނަމަވެސް ސަތޯ ބުނީ އެފްއޭއެމް މިހާރު ހިންގަމުން ގެންދަނީ އޭނާ އުއްމީދު ކުރިގޮތާ މުޅިން ހިލާފަށް ކަމަށެވެ.

"އެފްއޭއެމްގެ މެނޭޖްމަންޓު އަޅުގަނޑުމެން މިވަނީ ބަދަލުކޮށްފައި. އެކަމަކު އަޅުގަނޑަކަށް އާ މެނޭޖްމަންޓުގެ ފަރާތަކުންވެސް ނުފެނުނު އިތުރު އާ ކަންތައްތަކެއް ނުވަތަ އާ ހިޔާލުތަކެއްވެސް. އާ މެނޭޖްމަންޓުގައިވެސް އަޅުގަނޑުމެންނާ އެއްސަފެއްގައި ތިބެގެން މިވާހަކަތަށް ދެއްކި ބޭފުޅުން މިހާރު އަމަލީ ގޮތުން ހަރަކާތްތެރި އެބަވޭ. އެހެންވީމާ އަޅުގަނޑު ހަމަ ވަރަށްބޮޑަށް އުންމީދު ކުރިން މިބޭފުޅުންގެ ފަރާތުން އާ ކަންތައްތަކެއް އަދި އާ ހިޔާލުތަކެއް ފެނިގެން ދާނޭ ކަމަށް ނޫނީ އަންނާނޭ ކަމަށް. އެކަމަކު އެއްގޮތަކަށްވެސް އަޅުގަނޑަކަށް އެކަން ފެނިގެނެއް ނުދިޔަ،" ސަންގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަތޯ ބުންޏެވެ.

ސަތޯބުނީ އެފްއޭއެމްއަށް އެފަދަ ބަދަލެއް ގެނައުމަށް އޭނާއާ އެއްސަފުގައި އޭރު ވަކާލާތު ކުރެއްވި ބޭފުޅުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެވެނިކަމެއް ކުރަށްވާނަމޭ މިވެނި ކަމެއް ކުރަށްވާނަމޭ ކިޔައިގެން ދެއްކެވި ވާހަކަތަކަށް އަމަލީ ގޮތުން އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު ރާއްޖޭގައި ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށްވެސް އެއްވެސް އާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ސުވާލުކޮށްލަން ބޭނުން ދިވެހިރާއްޖޭގެ ކިތައް ބޭފުޅުންނަށްތޯ މިއަދު ގަލޮޅު ދަނޑުގައި މެޗެއް އޮތްކަން އެނގެނީ. މާލޭގަ ދިރިއުޅޭ ކިތައް ބޭފުޅުންނަށްކަން އެނގެނީ. ނޫނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި ހިމެނޭ ކިތައް ކުޅުންތެރިންނަށްތޯ މިއަދު މި މެޗު ކުރިއަށްދާކަން އެނގެނީ. އެފްއޭއެމްގެ ވަޒީފާގައި ތިއްބެވި ކިތައް ބޭފުޅުންނަށްތޯ އިނގެނީ. ހަމަ ޔަގީނުންވެސް އެއްއަތުން ގުނާ ލެވޭނެ،" ސަތޯ ބުންޏެވެ.

ވީބީގެ މެނޭޖަރު "ފުޓްބޯޅައާ ގުޅޭ ފަރާތްތައް" ސިފަކުރި ގޮތުގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވާނޭ ކަމަށް ވައުދުތައް ވެފައިވީ ނަމަވެސް ކަމެއް ނުކުރެވޭތާނގައި ކޮންމެ މީހަކުވެސް ބަލަނީ ރަނގަޅަށް ކަމެއްވެއްޖިއްޔާ އެކަމެއްގެ ކްރެޑިޓް ނަގައި އަމިއްލައަށް މެޑެލް ޖަހާލެވޭތޯއެވެ.

"އަޅުގަނޑުގެ ހުރިހާވަގުތެއް ފުޓްބޯޅައަށް ހުސްކޮށްގެން ހުރި މީހެއްގެ ހައިސިއްޔަތުން ވަރަށް ކެރިގެން ވަރަށް ސާބިތު ކަމާއެކީ މިދަންނަވަނީ ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނީ ކޮންކަމެއްތޯއޭ. ސަރުކާރުގެ ލެވެލްގައިވެސް އަދި އެފްއޭއެމްގެ ލެވެލްގައިވެސް. އެކަމަކު ކަމެއް ވެއްޖެ ކަމުގައި ވެއްޖިއްޔާމު ކޮންމެ ބަޔަކުވެސް އެންމެފުރަތަމަ އޭގެ ކްރެޑިޓް އެބަޔަކަށް ހޯދައިގަތުމަށް އެންމެ އަވަސްވެގަންނަނީ. އެކަމަކު މީގައި އަމަލީ ގޮތުން މަސައްކަތް ކުރާ ހަމަ އެކަކުވެސް އަޅުގަނޑަކަށް ނުފެނޭ،" ފުޓްބޯޅަ ތަރައްގީ ކުރުމަށް ތިއްބެވި ފަރާތްތަކަށް ފާޑު ކިޔަމުން ވީބީގެ މެނޭޖަރު ބުންޏެވެ.

ސަތޯ ފާހަގަ ކުރިގޮތުގައި އޭނާގެ ނަޒަރުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ ފުޓްބޯޅަ ބަލަންވެސް ގިނަބަޔަކު ދަނޑަށްވަދެ އަދި ގިނަބަޔަކަށް ފުޓްބޯޅައާ ބެހޭ މައުލޫމާތުތައް ހިއްސާކުރެވި ޓީމުތަކުގެ ސަޕޯޓަރުންނަށް މެޗުތަކާބެހޭ މައުލޫމާތުތައް ރަނގަޅަށް ފޯރުކޮށްދެވިގެންނެވެ. އަދި ޓީމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ. ސްޕޮންސަރުންނަށްވެސް ރަނގަޅު މަންފާއެއް ހޯދައިދެވިގެންނެވެ.

"ސްޕޮންސަރުންނަށް ރަނގަޅު ރިޓާންއެއް ދޭން އެބަޖެހޭ. އެކަމަކު އެކަންވެސް އަޅުގަނޑުމެންނަކަށް ނުކުރެވޭ. މިމެޗުތައް ރަނގަޅުވާނެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެ ކޮޓަރިތެރޭގައި ކުޅެލިޔަސް. އެކަހަލަ ގޮތަކަށް މިހާރު މިދަނީ،" ދަނޑަށް ވަންނަ މީހުން މަދުވުމާއި އަދި އެފްއޭއެމްއިން ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔަމުން ސަތޯ ބުންޏެވެ.

އޭގެ އިތުރުން ސަތޯވަނީ ދިރާގު ދިވެހި ލީގުގައި ވީބީއާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އަޅާފައިވާ ފިޔަވަޅުތަކާ ދޭތެރޭގައިވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ސަސްޕެންޝަންތައް ތަންކޮޅެއް ކުޑަކަމަށް. ދެން ކޮމެޓީން އެއޮތީ އެގޮތަށް ނިންމާފައި. އަޅުގަނޑުމެން ޖެހޭނީ އެއަށް އިހްތިރާމް ކުރަން. އެކަމަކު އަޅުގަނޑަށް ހަމަ އެމެޗަކީ ދާދިފަހުން ކުޅުނު މެޗުތަކަށް ބަލާއިރު އާދަޔާ ހިލާފް ކަންތައްތަކެއް ހިނގާފައިވާ މެޗެއް. ސަޕޯޓަރުން ދަނޑަށް އަރައި ކުޅެންތިބި ކުޅުންތެރިން ތަކަކަށް ހަމަލާދީ ހެދި މަންޒަރުތަކެއް އަޅުގަނޑުމެންނަށް މިފެނުނީ. އެހެންވީމައި މީގައި ފުޓްބޯޅައާ ދުރު ކަންތައްތަކެއް އެބަހުރި،" ސަތޯ ބުންޏެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްގެ ދައުރުގައި ބޮޑެތި ސަސްޕެންޝަންތަކެއް ކުރިމަތިވެ، އެ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި ސީޒަންގެ ބޮޑު ބައެއްގައި ވީބީގެ ބެންޗުން ނުފެނި ހުރުމަށްފަހު އިލްހާމްގެ ދައުރުފެށުމުން އެ ސަސްޕެންޝަންތަކަކީ "ކުރެވިފައި ނުވާ ކަމެއް ކަމަށް ނިންމައި" މިހާރު ހުރިހާ ސަސްޕެންޝަންތަކަކުން ދުރުވެފައިވާ ސަތޯ ބުނީ، ވީބީއަކީ ދުވަހަކުވެސް އެފްއޭއެމްގެ އެފަދަ ނިންމުންތަކަށް ފާޑުކިޔައި ދެކޮޅު ހަދާނޭ ބައެއް ނޫންކަމަށެވެ.

"ދެން ވީބީން އޮތީ އެމައްސަލައިގައި އެފްއޭއެމްއިން ކޮންމެ ފިޔަވަޅެއް އެޅިޔަސް އެކަމަށް މަރުހަބާ ކިޔާ ގޮތަށް. ވީބީއަކީ އުފެދުނީއްސުރެންވެސް އެގޮތަށް އެފްއޭއެމްގެ ހުރިހާ ނިންމުންތަކަށްވެސް އެއްބާރުލުން ދީފައިވާ ކުލަބެއް. އަދި ވީބީން ނޯންނާނެ ދުވަހަކުވެސް މެޗުގެ ކުޅުމަށް ހުރަސްއަޅައި، އޮފިޝަލުން ދަނޑުމައްޗަށް އަރައި ތަޅާފޮޅުން ހިންގާފައެއް. އެކަމަކު އަޅުގަނޑުމެންގެ ޓީމަކީވެސް މޮޅުވުމަށް އެދޭ ޓީމެއް. ކޮންމެ ޓީމެއްވެސް އަދި ކޮންމެ މެނޭޖަރަކުވެސް ބޭނުންވާނެ މޮޅުވާން. އެހެން ކަމުން ރެފްރީންނަށް ހެދޭ ގޯސްތަކަށް އެޕީލްވެސް އަޅުގަނޑުމެން ކުރަން. އަދި ރެފްރީންނާ ދިމާއަށް ހުންނާނެ ވަރުގަދަ ބަހުގެ ހަމަލާތައްވެސް އެވަގުތުތަކުގައި ދީފައި. އެކަމަކު އެއީ ކުޅޭ ވަގުތުތަކުގައި،" ސަތޯ ބުންޏެވެ.

ސަތޯ ބުނީ އޭނާ އެގޮތަށް ވާހަކަ ދެއްކީމާ އަބަދުވެސް ކުއްވެރިވެފައި އޮންނަނީ އޭނާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔާނޭކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ މަގާމުގެ ދަހިވެތިކަމުގައި ސަނާކިޔާނޭ މީހެއް ނޫންކަމަށެވެ.

"ބައެއްމީހުން ބުނާނެ ސަތޯ މިވެނި ތަނެއްގައި މިވެނި ވާހަކައެއް ދައްކައިފިއޭ. އަބަދަވެސް އަޅުގަނޑު ކުއްވެރިވާގޮތް މިވަނީ. ދެން ހަގީގަތަށް ވާހަކަ ދައްކާ މީހާ ގިނަފަހަރު މިއިންނަނީ މަގުން އެއްފަރާތް ކޮށްލާފައި. ކޮންމެވެސް ހިތްރުހޭ ވާހަކައެއް ދައްކައިގެން އެމީހާއަށް ކައިރީގައި ނުވަތަ ބޮޑުވެފަ އެމީހާއަށް ފުރުސަތު އޮންނަނީ. މިހާރު މިއޮތީ އެދުވަސްވަރަށް އައިސް ޖެހިފައި. އެހެން ނަމަވެސް އަޅުގަނޑަކަށް އެގޮތަށް ވާހަކައެއް ނުދެއްކޭނެ. އަޅުގަނޑަކީ މަގާމާ ހެދި އުޅޭ މީހެއްނޫން." ވީބީ އައްޑޫ އެފްސީގެ މެނޭޖަރު ސަތޯ ބުންޏެވެ.