މަސްމާރުކޭޓުގައި ވޭލެއް މެދުވެރިކޮށް ލޮނު ފެނާއި ސަޕްލައި ފެން އެއް ހޮޅިއަކުން އަންނަ ގޮތަށް ހަދައިފައި ހުރުމުގެ ސަބަބުން ފެނުގެ ހިދުމަތް ކަނޑައިލުމަށް ފަހު، އެކަން ރަނގަޅު ކުރުމުން އަލުން ފެނުގެ ހިދުމަތް ދީފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މާކެޓިން އޮފިސަރު ސުޖާތާ ރަޝީދު ވިދާޅުވީ ވޭލެއް މެދުވެރިކޮށް ލޮނު ފެނާއި ސަޕްލައި ފެން އެއް ހޮޅިއަކުން އަންނަ ގޮތަށް މަސްމާރުކޭޓުގައި ހަދާފައި ހުރި ހުރުމަކީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ ފެން ތަގައްޔަރު ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ޚިލާފަށް ފެންހޮޅި ގުޅާފައި ހުރި ހުރުން ރަނގަޅު ކުރުމުން އެއްގަޑިއިރު ތެރޭގައި އަލުން ފެނުގެ ހިދުމަތް ދޫކޮށްފައިވާނެ ކަމަށް ވެސް ސުޖާތާ ވިދާޅުވި އެވެ.

"ފެނުގެ ހިދުމަތް ކަނޑައިލަން ޖެހުނީ ވޭލެއް މެދުވެރިކޮށް ލޮނު ފެނާއި ސަޕްލައި ފެން އެއް ހޮޅިއަކުން އަންނަ ގޮތަށް ހަދާފައި ހުރުމުން. އެއީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވާތީ ފެނުގެ ހިދުމަތް މެދުކަނޑައިލީ. ނަމަވެސް އޭގެފަހުން ގަޑިއެއްހާއިރު ފަހުން އެތަނުން އެކަން ރަނގަޅު ކުރުމުން އަލުން ފެނުގެ ހިދުމަތް ވަނީ ގުޅާލައިފައި،" ޝުޖާތާ ވިދާޅުވި އެވެ.

މަސްމާރުކޭޓުން ސަންއާ ވާހަކަ ދެއްކި މީހުން މިއަދު ބުނީ އެތަނުގައި އެ ގޮތަށް ފެނުގެ ހިދުމަތް ބޭނުންކުރަމުން އަންނަތާ އަށް އަހަރުވެފައިވާ ކަމަށެވެ.