މި މަހު ބާއްވާން ހަމަޖައްސައިފައިވާ ޑީއާރުޕީގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ، އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރު ކަމުގެ ތިން މަގާމަށް ފަސް ފަރާތަކުން ކުރިމަތި ލައްވައިފައިވާ ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ބުނެފި އެވެ.

ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވާފައި ވަނީ މި ސަރުކާރުގެ އިގްތިސާދީ ވަޒީރު އަހްމަދު މުހައްމަދާއި މަސްވެރިކަމާއި ބެހޭ ވުޒާރާގެ ނައިބު އަލީ ސޯލިހާއި ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އާލީ އާޒިމާއި ރޮޒައިނާ އާދަމާއި މުހައްމަދު ރާމިޒެވެ.

މި މަހުގެ 23 ން 25 އަށް ބާއްވާ ގައުމީ ޖަލްސާގައި އާންމު މެންބަރުންގެ ތެރެއިން ޕާޓީ ކައުންސިލަށް އިންތިހާބުކުރާ 6 މެންބަރުންގެ މަގާމަށް 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ބުނެ އެވެ.

ޕާޓީ ކައުންސިލަށް ކުރިމަތިލާފައި ވަނީ މި ސަރުކާރުގެ މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝަފީއާއި ތައުލީމާއި ބެހޭ ވަޒީރު އާސިމް މުހައްމަދާއި ޓީވީއެމްގެ ކުރީގެ ޗީފްއެކްޒެކްޓިވް އޮފިސަރު (ސީއީއޯ) އަލީ ހާލިދާއި ޑީއާރުޕީގެ މިހާރު ސެކްރެޓަރީ ޖެނަރަލް އާދަމް ހަލީމާއި އިންތިގާލީ ކައުންސިލް މެންބަރު އައްސަދު ޝަރީފާއި އަހްމަދު ނިޒާމް (ކެލާ ނިޒާމް) އާއި އަބްދުﷲ ޝިޔާޒާއި އަބްދުﷲ ނަސީރާއި ދާހިލީ ވުޒާރާގެ ނައިބު މުހައްމަދު ސަލީމާއި މުހައްމަދު ފާއިޒާއި އިންތިގާލީ ކައުންސިލް މެންބަރު ޑރ.ހާމިދު ރަޝީދާއި އަދި މުހައްމަދު ޝަފީގެވެ.

އިންތިހާބާއި ބެހޭ ކޮމެޓީގެ މެންބަރު ހާމިދު ޔޫސުފް މިއަދު ވިދާޅުވީ އެ ޕާޓީން ހުސްވަފައިވާ މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ފަރާތަކުން ކުރިމަތިލާފައިވާ މަގާމުތަކުގެ އިންތިހާބު ނުބާއްވާނެ ކަމަށެވެ. އެގޮތުން އަންހެނުން ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން ޒުވާނުން ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމާއި އަދި ސުލޫކީ ކޮމެޓީއަށް އައްޔަން ކުރާ މެންބަރު ކަމަށް އެންމެ މެންބަރު ކުރިމަތިލައްވާފައިވާތީ އެ މަގާމުތަކުގެ އިންތިހާބު ނުބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީން މި އަހަރު ބާއްވާ ގައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި 800 އާއި 900 ދެމެދުގެ އަދަދަކަށް މެންބަރުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.