16 Apr 2013, 17:57
ރާއްޖެއަށް ޑިމޮކްރަސީ އަނބުރާ ގެނައުމަށްޓަކައި ޖަލަށް ދާން ޖެހުނަސް، އެކަމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންތިހާބަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ކުރިއަށް ގެންދިއުމަށް ކުރިމަތިލެއްވި އިންތިހާބެއް ނޫން ކަަމަށާއި އެ އިންތިހާބަކީ ރާއްޖެއަށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް ކުރިމަތިލެއްވި އިންތިހާބެއް ކަމަށެވެ.
"ޖަލަށް ދާން އަޅުގަނޑު ބިރެއް ނުގަނޭ. މައުމޫނުގެ ވެރިކަމުގައި އަޅުގަނޑު 18 މަސް ދުވަސް ޖަލުގައި ހޭދަކުރިން. އެއީ ކޮށްޅަށް ނުތެދުވޭ އަދި ރަނގަޅަށް އޮށޯވެނުލެވޭ ވަރުގެ ކުޑަ ގޮޅިއެއްގައި. ޖަލުގައި ދެ ފަހަރު އަނިޔާކޮށްފައިވޭ. އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކަށްޓަކައި ޖަލަށް އަނބުރާ ދާން ވެސް މިހުރީ ތައްޔާރަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ޒިނޭގެ ކުށް ސާބިތުވާ ކަމަށް ނިންމައި ހައްދު ޖަހަން ހުކުމްކުރި 15 އަހަރުގެ ކުއްޖާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ދޮން ބައްޕަގެ ޖިންސީ ޝިކާރައަކަށްވެ، މާބަނޑުވެގެން ވިހޭ ދަރިފުޅު ދޮން ބައްޕައާއި މަންމަ ގުޅިގެން މަރާލުމުން، އެ 15 އަހަރުގެ ކުއްޖާ ޒިނޭކުރި ކަމަށް ނިންމައި ހައްދު ޖަހަން ހުކުމް ރައްދުވާ ކުއްޖާއަށް ޓަކައި ކުރިމަތިލެއްވި އިންތިހާބެއް ކަމަށެވެ.
"މި އިންތިހާބަކީ އެކި ފަހަރު މަތިން ދޮން ބައްޕަ ރޭޕްކުރި އަންހެން ކުއްޖާއަށްޓަކައި ކުރިމަތިލާ އިންތިހާބެއް. އެކުއްޖާ ރޭޕްކޮށް، މާބަނޑުވެ، ވިހެއުމުން އެކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ދަރިފުޅު މަރާލި. އެއަށްފަހު، އަދުލް އިންސާފާއި އިންސާނިއްޔަތު ކަމާ ކަނޑައެޅިގެން ދެކޮޅަށް އެ ކުއްޖާގެ މައްޗަށް ޒިނޭގެ ހުކުމް ސާބިތުކޮށް، އެކުއްޖާގެ ގައިގާ ހައްދު ޖަހަން ރާއްޖޭގެ ކޯޓަކަށް ހުކުމް ކުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑެންމާކުގެ ވެރިރަށް ކޮޕެންހޭގަންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ނަޝީދު ޔުނިވާސިޓީ އޮފް ކޮޕެންހޭގަންގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮޕެންހޭގަން ޔުނިވާސިޓީގައި އެމަނިކުފާނު ވާހަކަދައްކަވާނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ނެވެ.