16 Apr 2013, 17:40
ޖާސޫސް ކުރާ މަތިންދާ ބޯޓަކާއި ރޭސިން ކާރެއްގެ އިތުރުން އޮލިންޕަހަށް ގެނައި ޕްރޮޖެކްޓަރު އެތެރެކުރުމުގެ ހުއްދަ ދީފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ އެއްވެސް ކާރެއް އަދި އެއްވެސް ބާވަތެެއްގެ މަތިންދާބޯޓެއް ވެސް ކަސްޓަމްސް އިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަނުކޮށް އެތެރެކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އެގޮތުން ކަސްޓަމްސް އިން ހުއްދަ ދީގެން އެތެރެކޮށްފައިވާ ކުޑަ އުދުހޭ ބޯޓާއި ރޭސިން ކާރަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމް އިން ހުއްދަ ދީގެން އެތެރެކޮށްފައިވާ ކުޑަ އުުދުހޭ ބޯޓަކީ ޖާސޫސް ކުރަން ގެނައި އެއްޗެއް ކަމެއް އެނގިފައި ނުވާކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އޮލިންޕަސް ހުޅުވުމަށް އެތެރެކޮށްފައިވާ ޕްރޮޖެކްޓަރަށް ޑިއުޓީ މައާފް ކޮށްދީފައި ވަނީ ސަރުކާރުން އެދިގެން ކަމަށާއި އެބާރަކީ އިމްޕޯޓް އެކްސްޕޯޓް ކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވީ ޖާސޫސް ކުރެވޭ ވަރުގެ ކުޑަ މަތިންދާ ބޯޓަކާއި އަދި ރޭސް ކާރެއް އެއްވެސް ލިޔެކިޔުން ތަކެއް ނެތި ކަސްޓަމްސް މެދުވެރިކޮށް ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށެވެ.
"ކަސްޓަމްސް އަށް ނޭނގި ނުވަތަ އޮޅުވާލައިގެން ޖާސޫސް ކުރެވޭ ކަހަލަ ކުޑަ ރޭސް ކާރެއް އަދި ކައިޓެއް ރާއްޖެ އަށް ވަނީ އެތެރެ ކޮށްފައި. ރޭސް ކާރު އެތެރެ ކުރި ކަމުގެ އެއްވެސް ޑޮކިޔުމެންޓެއް ނެތް. އަދި އޭތި ރާއްޖެ ގެނެސްފައި ވަނީ، ރަޝިއާ ބައްރުގެ މީހެއް މެދުވެރިކޮށް. މިއާ ގުޅޭ ގޮތުން މި އޮންނަނީ އެގްރީމަންޓެއް ހެދިފައި. މީތި ކަސްޓަމްސްގައި އޮވެގެން އެތައް ލައްކަ ރުފިޔާއެއް ޑިއުޓީ އަށް އަރާފައި މި އޮންނަނީ. ޑެމަރޭޖަށް އެހާ ލާރި އަރާފައި އެބަހުރި. އެހެން ނަމަވެސް މި އެތި މި އިންނަނީ އެތެރެ ކުރެވިފައި. ޖާސޫސް ކުރާ މަތިންދާ ބޯޓު އެތެރެކޮށްފި،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަކެތި ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާއެއްގެ ހުއްދަ އެއް ނުވަތަ ލިޔެކިޔުންތަކެއް ނެތި އެފަދަ ތަކެތި ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކުރެވޭނީ އެކަމުގައި ދިވެއްސަކު ބައިވެރިވެގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެތަކެތި އެތެރެކުރުމުގެ ހުއްދައިގައި ސޮއިކޮށްފައި ވަނީ އެމްޕީއެލްގެ ފަރާތުން ފަޒީލް މުހަންމަދު ކިޔާ ބޭފުޅެއް ކަމަށެވެ. ކަސްޓަމްސް އިން ސޮއިކުރީ މުހަންމަދު ހަނީފު ކިޔާ ބޭފުޅެއް ކަމަށް ރިޔާޒް ތުހުމަތު ކުރައްވާފައިވެ އެވެ.
އޮލިންޕަސް ހުޅުވުމަށްޓަކައި އެތެރެކޮށްފައިވާ ޕްރޮޖެކްޓަރަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ 127000 ޑޮލަރުގެ ޕްރޮޖެކްޓަރެއް ކަސްޓަމްސް މެދުވެރިކޮށް ރާއްޖެ އެތެ ކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަރަށް ދައްކަން ޖެހޭ ކަސްޓަމްސް ޑިއުޓީ މާފު ކޮށްދީފައިވާ ކަމަށެވެ. އަދި އެކަމަށް އެދިފައި ވަނީ ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީ އަކުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.