16 Apr 2013, 15:46
ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް އިން ކުރިއަށްގެންދާ " ހޮސްޕިޓަލިޓީ އެޕަރެންޓިސްޝިޕް" ޕްރޮގްރާމް ފުރިހަމަ ކުރި 47 މުވައްޒަފަކަށް ދަސްވެނިވި ކަމުގެ ސަނަދު ދީފިއެވެ.
މެހެމާންދާރީ އަދާކުރުމުގެ ފަންނީ ހުނަރުތައް ދަސްކޮށްދިން އެ ތަމްރީންތައް ފުރިހަމަ ކުރި މުވައްޒަފުންނަށް ދަސްވެނިވި ކަމުގެ ސަނަދު ހަވާލުކުރުން އޮތީ މިދިޔަ ހޮނިހިރު ދުވަހުގެރޭ މަންދު ކޮލެޖްގައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ވަޒީރު އަހްމަދު އަދީބު އަބްދުލް ޣަފޫރާއި، ތައުލީމުގެ ވަޒީރު ޑރ. އާސިމް އަހްމަދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ފޯސީޒަންސް ރިސޯޓްސްއިން 2001 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހުނަރު ޕޮރޮގްރާމަކީ މިފަދަ ފެންވަރެއްގައި ރާއްޖޭގައި ކުރިއަށް ގެންދެވޭ އެންމެ ފުރަތަމަ ހުނަރު ޕްރޮގްރާމް އެވެ. އަދި މި ޕްރޮގްރާމަކީ، 2010 ވަނަ އަހަރުން ފެށިގެން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) ސަޓިފައިޑް އެޕަރެންޓިސްޝިޕް ޕްރޮގްރާމެކެވެ.
ފޯސީޒަންސް އިން މައުލޫމާތު ދިން ގޮތުގައި 2013 ވަނަ އަހަރު ދަސްވެނިވި 47 ބައިވެރިންގެ ތެރޭގައި ފޯސީޒަންގެ ލަނޑާގިރާވަރުގެ 21 މުވައްޒަފަކާއި ކުޑަހުރާގެ 26 މުވައްޒަފަކު ހިމެނެއެވެ. އަދި އެ ރަސްމިއްޔާތުގައި ކުރިއަށް އޮތް ޓިވެޓް ޕްރޮގްރާމްގައި އަލަށް ބައިވެރިވި 50 ދަރިވަރުންނަށް އިއުލާނު ކުރުން ވެސް އޮތެވެ.
ކުރިއަށް އޮތް ޕްރޮގްރާމަށް ކުދިން ހޮވުމަށްޓަކައި ބ. ކެންދޫ، ކިހާދޫ، ކުޑަރިކިލު، އަދި ފުވައްމުލަށް އައްޑޫސިޓީ، ހިންނަވަރު ފަދަ ރަށްރަށުން 17 އަހަރާއި 20 އަހަރާ ދެމެދުގެ އެކަމަށް ޝައުގުވެރިވާ ކުދިން ހޯދުމަށް ފޯސީޒަންގެ މުވައްޒަފުން ދަތުރުތަކެއް ކޮށްފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރުގެ ހޮސްޕިޓަލިޓީ އެޕަރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިހާރުވެސް އެތަނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވައި ލެވިފައިވާ ކަމަށް ފޯސީޒަނުން ބުނެފައި ވެއެވެ.