16 Apr 2013, 15:45
ފަސްވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕާއި އަދި 17 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ގައުމީ ފިރިހެން އަދި އަންހެން ކެރަމް ޓީމަށް ކުޅުންތެރިން ނެގުމުގެ މަސައްކަތް ކެރަމް އެސޯސިއޭޝަނުން ފަށައިފިއެވެ.
ކެރަމް އެސޯސިއޭޝަނުން ބުނިގޮތުގައި ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ކެރަމް ދެ މުބާރާތުގައި ބައިވެރިކުރުމަށް ފިރިހެން ތިން ކުޅުންތެރިންގެ ޓީމަކާއި އަންހެން ތިން ކުޅުންތެރިންގެ ޓީމެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓީމުތަކަށް ކުޅުންތެރިން ނެގުމަށް ކުޅެވޭ ސިލެކްޝަން މެޗުތައް މިހާރު ފައްޓާފައިވާކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ގައުމީ ފިރިހެން ކެރަމް ޓީމަށް ކުޅުންތެރިން ނެގުމަށްޓަކައި ޖުމުލަ ތިން "ނޮކްއައުޓް" މުބާރާތެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ސިލްސިލާގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ގައުމީ ފިރިހެން ކެރަމް ޓީމުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ޝާފީ މުހައްމަދުއެވެ. ގައުމީ އަންހެން ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން މެޗުތަކެއްކުޅެ، އެއްވަނަ، ދެވަނަ އަދި ތިންވަނައަށްދާ ތިން ކުޅުންތެރިއަކު ޓީމަށް ނަގާގޮތަށެވެ.
ކެރަމް އެސޯސިއޭޝަނުން ބުނެފައިވާގޮތުގައި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވޭ ސިލެކްޝަން މެޗުތަކުގައި ވާދަކުރެވޭނީ އެ އެސޯސިއޭޝަނުން ހިންގާ ރަސްމީ ތިން މުބާރާތިގެ ތެރެއިން އެންމެފަހުން ބޭއްވި ދެމުބާރާތުގައި ބައިވެރިވެފައިވާ ކުޅުންތެރިންނަށެވެ. އެގޮތުން އެންމެ ފަހުގެ ގައުމީ ކެރަމް މުބާރާތާއި، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވި ހުރިހައި ކުޅުންތެރިން ތިން ގިންތިއަކަށް ބަހާލައިގެން ތިންވަނަ ގިންތީގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ދެވަނަ ގިންތިއަށް ކޮލިފައި ކުރާނީއެވެ. އަދި ދެވަނަ ގިންތިން އެއްވަނަ ގިންތިއަށް ހަތަރު ކުޅުންތެރިއަކު ކޮލިފައު ކުރުމަށްފަހު އެކުޅުންތެރިންނާއި އެއްވަނަ ގިންތީގައި ތިބި ކުޅުންތެރިންނާ އެއްކޮށް ކުޅެވޭ ނޮކްއައުޓް ތިން ސިލެކްޝަން މުބާރާތުން މޮޅުވާ ތިން ކުޅުންތެރިއަކު ގައުމީ ޓީމަށް ހޮވާނީއެވެ.
ސަރަހައްދުގައި ބޭއްވޭ ކެރަމްގެ އެންމެ ބޮޑު ދެމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ކަލްކަތާގައެވެ. އެގޮތުން 17 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފަސްވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަޔަކުން އެގާރައަށެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސާކް ކެރަމް މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަނގުލަދޭޝްގައެވެ. އަދި ދެއަހަރުން އެއްއަހަރު ބާއްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނި 2011 ވަނަ އަހަރު ރާއްޖޭގައެވެ.