20 Oct 2010, 09:47
މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީގުކޮށްދިނުމުގެ އަމުރަކަށް އެދި ޕީއޭއިން މިއަދު ހައިކޯޓަށް ހުށަހަޅައިފި އެވެ.
ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން، މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރާއި ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ އާއި ގަމު ދާއިރާގެ ޔޫސުފް އަބުދުލްޣަފޫރުގެ ފަރާތުން ވަކާލާތު ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު، އަދި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ، ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ، ރާއްޖޭގެ ހާލަތު މިހާރު ހުރި ގޮތުން ޝަރުއީ މަރުހަލާގެ ތެރެއިންނޫން ގޮތަކަށް އެއްވެސްކަމެއް ކުރިއަށްނުދާނެތީ ކަމަށެވެ.
މި ދައުވާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލު ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ގަސްތުގައި އެއްވެސް ފަރާތަކުން އެ ބިލަށް ގާނޫނީ ބާރު ލިބިނުދީ ހިފަހައްޓަވާ ހާލަތުގައި އެ ގާނޫނާ ހިލާފަށް އަމަލު ކުރުމަކީ އެ ބިލް ގާނޫނަކަށް ހެދުމަށް ހުރަސްއަޅާފައިވާ ފަރާތަށް ލިބިފައިވާ ގާނޫނީބާރެއް ނޫން ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް ވެސް މި ދައުވާގައިވެ އެވެ. އަދި ގަސްދުގައި އެއްވެސް ފަރާތަކުން އެ ބިލަށް ގާނޫނީ ބާރު ލިބިނުދީ ހިފަހައްޓަވާ ހާލަތުގައި އެ ގަނޫނާ ހިލާފަށް އަމަލު ކުރުމަކީ ހަމަ އެއްވެސް ފަރާތަކަށް ލިބިފައިވާ ބާރެއްނޫން ކަމުގައި ކަނޑައަޅައި ދިނުމަށް ވެސް މި ދައުވާގައި އެދިފައިވެ އެވެ.
އާޒިމާ ވިދާޅުވީ، ދުސްދޫރީ ގޮތުން މީގެ ކުރިން ނިމިފައިވާ ކަންތައްތަކަށް ބަލާއިރު، ހައިކޯޓުން މި މައްސަލަ ބަލައިނުގަނެ، ފުރަތަމަ މަރުހަލާއަށް މައްސަލަ ހުށަހެޅުމަށް ހައިކޯޓުން އެންގުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ނަމަވެސް ދުސްތޫރީ މައްސަލައަކީ ހައިކޯޓަށް ހުށަހެޅިދާނެ މައްސަލައަކަށް ވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި މާލިއްޔަތުގެ ބިލު ތަސްދީގު ނުކޮށް ލަސްކުރުމުގެ ބާރު ރައީސަށް ލިބިދީފައި ނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
މި މައްސަލަ ހުށަހެޅުއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ޕީއޭގެ މެންބަރުން ވިދާޅުވީ، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީގު ނުކުރައްވައި ލަސްކުރައްވަނީ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުއްޓުން އަރާނެ މާއްދާއެއް ބިލުގައި ހިމެނޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށެވެ. އަދި އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ ރައްޔިތުންނަށް ވާނީ އިތުރު ފައިދާތަކެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.