ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ކުށްވެރިންނާއި ބޭރު ގައުމު ތަކުގައި ތިބޭ ރާއްޖޭގެ ކުށްވެރިން ބަދަލު ކުރުމުގެ "އެކްސްޓްރިޑިޝަންގެ ބިލު" މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވަމުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވުމުގެ މަގުސަދަކީ ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ކުށްވެރިން އެ ގައުމުތަކަށް ގެންދެވޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ. އަދި ރާއްޖޭގައި ތިބޭ ބޭރު ގައުމު ތަކުގެ ކުށްވެރިން އެ ގައުމު ތަކަށް ގެންދެވޭނޭ ބާވަތުގެ ކުށް އެފަދަ ބިލެއްގެ ސަބަބުން ކަނޑައެޅިގެން ދޭނެ ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭ ކުށްވެރިން ރާއްޖޭގައި ޓްރާންޒިޓްކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމާއި ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ކުށްވެރިން ރާއްޖެއަށް ގެނެވޭނެ އުސުލެއް އެފަދަ ބިލެއްގެ ސަބަބުން ކަނޑައެޅިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެކްސްޓްރިޑިޝަންގެ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ތިބޭ ބޭރު ގައުމު ތަކުގެ ކުށްވެރިންނާއި ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ކުށްވެރިން އެއް ގަމުން އަނެއް ގައުމަށް ބަދަލު ކުރެވޭނީ ނުވަތަ ގެންދެވޭނީ އެ މީހަކު ކޮށްފައިވާ ކަމަކަށް ދައުވާ އުފިލިފައިވާ ކުށެއްގެ ޝަރީޢަތް ހިންގުމަށްޓަކަ އެވެ. އަދި އެ މީހަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކޮށްފައިވާ އެހެން ނަމަވެސް އަދަބު ކަނޑައެޅިފައި ނުވާ މީހެއް ނަމަ އަދަބު ކަނޑައެޅުމަށްޓަކަ އެވެ. މީގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ކުށްވެރިން ބަދަލު ކުރެވޭނީ އެ މީހަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކޮށް އަދަބަ ކަނޑައެޅިފައިވާ މީހެއް ކަމުގައިވާނަމަ އެ ހުކުމެއް ތަންފީޒް ކުރުމަށް ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

އެއް ގައުމުން އަނެއް ގައުމަށް ކުށްވެރިން ބަދަލު ކުރުމުގެ ބިލްގައި ބުނެފައިވާ ގޮތުން ކުށުގެ ތުހުމަތު ކުރެވޭ އެއްވެސް ދިވެއްސަކު ބޭރު ގައުމަކަށް ނުގެންދެވޭނެ އެވެ.

ރާއްޖޭގައި ތިބޭ ބޭރު ގައުމު ތަކުގެ ކުށްވެރިން އެ ގައުމުތަކަށް ގެންދެވޭނެ ކުށްތަކެއް ވެސް ބިލްގައި ކަނޑައަލާފައިވެ އެވެ. އެގޮތުން ރާއްޖޭގައި ތިބޭ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ގެންދެވޭނީ އެ ކުށްވެރިއަކު ގެންދަން ބޭނުންވާ ގައުމެއްގެ ގާނޫނުގައި އެ ކުށްވެރިއަކަށް ލިބިފައިވާ އަދަބަކީ ބޮޑު ވެގެން އެއް އަހަރު ކަމަށް އެ ގައުމެއްގެ ގާނޫނުގައި ބުނެފައިވާނަމަ އެވެ. އަދި އެ ކުށަކީ ދިވެހިރާއްޖޭގައި އެ ކުށުގެ އަމަލު ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ އަމަލު ފުރިހަވާ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫން ވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައިވާ ނަމައެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ވާހަކަ ދައްކަވަމުން މެންބަރުން ވިދާޅުވީ އެ ބިލަކީ މިހާރުން މިހާރަށް ވެސް ބޭނުންވާ ބިލެއް ކަމަށާއި އެފަދަ ގޫނޫނެއް އައުން ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި ބިލްގައި ޕްރޮސިކިޔުޓާ ޖެނަރަލް އަށް ބޮޑެތި ބާރު ތަކެއް ދެއްވާފައި ވާތީ މެންބަރުން ވިދާޅުވީ އެފަދަ ގާނޫނެއްގެ ދަށުން ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އަށް ބޮޑެތި ބާރު ތަކެއް ދެވިގެން ނުވާނެ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ ކުށްވެރިން ބަދަލު ކުރުމުގެ ގާނޫނެއް ވުޖޫދަށް އަންނަ އިރު އެފަދަ ގޫނޫނެއްގެ ދަށުން ބާރުތައް ލިބިދެވެން ޖެހޭނީ ދައުލަތުގެ އެޓާނީ ޖެނަރަލް އަށާއި ހާރިޖީ ވަޒީރަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލްގެ ބަހުސް މަރުހަލާ ނިންމައި ބިލް އިތުރަށް ދިރާސާ ކުރުމަށްޓަކައި ގައުމީ ސަލާމަތު ކޮމެޓީ އަސް ފޮނުވާފަ އެވެ. އެ ބިލް މަޖިލީހަށް ބަލައި ގަތުމަށް ފާސްވީ 54 މެންބަރުންގެ އަގުލަބީއްޔަތުންނެވެ.