16 Apr 2013, 15:09
އިންޓަނޭޝަނަލް ޕޮލިސް އެކަޑަމީ އެސޯސިއޭޝަން (އިންޓަޕާ)ގެ މެމްބަރަކަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ވެއްޖެ އެވެ.
އައިލްސް އަށް އިންޓަޕާގެ މެމްބަރުކަން ލިބިފައިވަނީ މިމަހުގެ 13 އިން 17 އަށް ސައުދީ އަރަބިޔާގެ ރިޔާޟްގައި ކުރިއަށްދާ އިންޓަޕާގެ ދެވަނަ އަހަރީ ކޮންފަރެންސްގެ ޖެނެރެލް ކައުންސިލް މެމްބަރުންގެ މެދުގައި އިއްޔެ ނެގި ވޯޓުން ނެވެ. ފުލުހުން ބުނީ އެވޯޓުގައި ބައިވެރިވި އެ އެސޯސިއޭޝަންގެ 34 މެމްބަރު ޤައުމުގެ ތާޢީދާއެކު އައިލްސް މިހާރު ވަނީ އިންޓަޕާގެ 35 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިފައި ކަމަށެވެ.
އެ ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދާއި އައިލްސްގެ އެގްޒެކެޓިވް ޑައިރެކްޓަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައިވެރިވެވަޑައިގަންނަވަ އެވެ.
ފުލުހުން ބުނީ އިންޓަޕާގެ މެމްބަރު ޤައުމަކަށް އައިލްސް ހަމަޖެހިގެން ދިއުމުން އައިލްސްއިން ހިންގާ އެކިއެކި ކޯސްތަކަށް އެއެސޯސިއޭޝަންގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންނަށް ރާއްޖެއިން ބޭރުގެ އެކިއެކި ޕޮލިސް އެކެޑެމީތަކުގައި ތަޢުލީމާއި ތަމްރީނު ފުރުސަތު ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އައިލްސް އިން ވަނީ އެކޮލެޖް ފުރަތަމަ ޑިގްރީ ކޯސް މިހާރު ފަށާފަ އެވެ. އެ ކޯސް ކުރިއަށްދަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީއާ ގުޅިގެން ނެވެ.