16 Apr 2013, 14:27
އެމްޑަބްލިއުއެސްސީން މަސް މާރުކޭޓަށް ދޫ ކޮށްފައި ވާ ފެނުގެ ޚިދުމަތް މެދު ކަނޑައިލައިފައި ވާތީ މަސް ކެނޑުމުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މަސް މާރުކޭޓުން ސަންއާ ވާހަކަ ދެއްކި މީހުން ބުނީ މިއަދު ހެނދުނު 10:00 ހާއިރު އެމްޑަބްލިއުއެސްސީގެ ޓީމެއް އެތަނަށް ގޮސް ފެން އިސްކުރުގައި ތަޅު އަޅުވައިފައި ވާ ކަމަށާއި އެކަމުގެ ސަބަބުން މަސް ކެނޑުމުގެ މަސައްކަތް އެއްކޮށް ހުއްޓިފައި ވާ ކަމަށެވެ.
އެމީހުން ބުނީ ފެން އިސްކުރުގައި ތަޅު އަޅުވައިފައި ވަނީ ވޭލެއް މެދުވެރިކޮށް ލޮނު ފެނާއި ސަޕްލައި ފެން އެއް ހޮޅިއަކުން އަންނަ ގޮތަށް ހަދައިފައި ހުރުމުން އެއީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ކަމަށެވެ.
ވޭލެއް މެދުވެރިކޮށް އެތަނުން ފެން ބޭނުން ކުރަމުން ގެންދާތާ އަށް އަހަރު ވެފައި ވާ ކަމަށާއި މިއަދު ކުއްލިއަކަށް ފެނުގެ ޚިދުމަތް ހުއްޓުވައިލައިފައި ވާތީ އެ ކަމާ ކަން ބޮޑު ވާ ކަމަށް ވެސް އެމީހުން ބުންޏެވެ.
މަސްކަނޑައިގެން ދުވާލެއްގެ މައްޗަށް 900 ވަރަކަށް ރުފިޔާ ލިބޭ ކަމަށާއި ނަމަވެސް އާމްދަނީ ހޯދުމަށް ކުރާ ހަމައެކަނި މަސައްކަތް ހުއްޓުމަކަށް އައުމުން އެ ކަމާ މާޔޫސް ވެފައި ވާ ކަމަށް ވެސް އެމީހުން ބުންޏެވެ.
"މިހާރު އަށް އަހަރު މިވަނީ މިގޮތަށް ފެން ބޭނުން ކޮށްގެން މަސް ކަނޑަމުން އަންނަތާ. އަދި ކިރިޔާތޯ ގަވައިދާ ހިލާފަށް ކުރާކަމަކަށް ވަނީ. އަހަރުމެން 10 މީހުން ކާންބޯން ކުރާ މަސައްކަތް މިއަދު މިވަނީ ހުއްޓިފައި. މިކަން ހައްލު ކުރުމަށް އެއްވެސް އިދާރާއަކުން މަސައްކަތް ކުރާ ތަނެއް ނުފެނޭ. 10:00 އިން ފެށިގެން އަހަރުމެން މި އުޅެނީ މި ހާލުގައި. ކޮބައިތޯ މަޖިލީސް މެންބަރުން، ކޮބައިތޯ ކައުންސިލަރުން، ކޮބައިތޯ ސަރުކާރު،" މަސް މާރުކޭޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި ކަމާ ބެހޭ ގޮތުން އެމްޑަބްލިއުއެސްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.