16 Apr 2013, 14:23
އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް، ދެ ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުން ދެކުނު ކޮރެއާ ފަޅިއަށް ވެއްޓިއްޖެ އެވެ.
އެމެރިކާ އާއި ދެކުނުކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ ރަޝިޔާގެ ރަޝިޔާ ޓްޑޭ (އާރްޓީ) ނޫހުން ބުނީ އެމެރިކާ ސިފައިންގެ ސީއެޗް 53 މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނީ ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން ދެކުނުކޮރެއާ ފަޅީގައިވާ އާމީ ބޭސްއާ ދުރުނޫން ހިސާބަކަށް ކަމަށެވެ.
އެމެރިކާއާ ދެކުނުކޮރެއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ބައިވެރިވި އެ ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި ތިން ކްރޫއިންގެ އިތުރުން 13 މީހުން ތިބި ނަމަވެސް އެއްވެސް މީހަކު މަރުނުވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ހޯދުމަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އެމެރިކާއާ ދެކުނުކޮރެއާ އަދި ޖަޕާނާއެކު އުތުރުކޮރެއާއިން އޮންނަ ގުޅުން ހީނަރުވެ، މަޝްރަހު ނުތަނަވަސް ވެފައިވާ ވަގުތެއްގައި ތަމްރީނުތައް ކުރިއަށް ގެންދާތީ އުތުރުކޮރެއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދެކުނު ކޮރެއާގައިވާ އާމީ ބޭސްގައި އެމެރިކާގެ 28500 ސިފައިން ތިބެއެވެ. ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެމެރިކާގެ ނުފޫޒާއެކު ގާއިމްކޮށްފައިވާ އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދުގައި ކުރިން ބައެއް ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން 1992 ވަނަ އަހަރު ދެކުނުކޮރެއާ ސިފައިންގެ ޔުނީފޯމްގައި ތިބި އުތުރުކޮރެއާ ސިފައިންގެ ދެ މީހުން އެސަރަހައްދުގައި މަރާލިއެވެ. އަދި 1997 ވަނަ އަހަރު އުތުރުކޮރެއާ ސިފައިންގެ ފަސްމީހުން އެސަރަހައްދަށް ވަދެ، ދެކުނުކޮރެއާގެ އަމާޒުތަކަށް ހަމަލާދިނެވެ.