ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ޓީބީ އަށް ޕޮޒިޓިވުމުން، ޖަލުގައި ތިބި ގައިދީންނާއި ގާޑުން ސްކްރީންކޮށްފި އެވެ.

ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގައިދީއަކު ޓީބީ އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޖަލުގެ ބައެއް ގައިދީން ސްކްރީންކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މީހަކު ޓީބީ އަށް ޕޮޒިޓިވްވި ކަމެއް އެނގިފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޖަލުގެ ގައިދީއަކު ޓީބީ ޖެހިގެން އޭނާއަށް ފަރުވާ ދީފައިވާއިރު، ބޭހަށް ނުގުޑާ ޓީބީ ޖެހިފައިވާ މީހުން ރާއްޖޭން ވެސް ފެންނަން ފަށާފައިވާ ކަމަށާއި އެކަމަކީ ޓީބީ ކޮންޓްރޯލު ކުރުމަށް އަލަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.