16 Apr 2013, 13:38
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން ސާވިސް ޗާޖުގެ ގޮތުގައި 30 ޑޮލަރު ނެގުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ދިވެހިން އިސްތިސްނާވާ ގޮތަށް، ހަމައެކަނި ބިދޭސީންގެ އަތުން ސާވިސް ޗާޖުގެ 30 ޑޮލަރު ނެގުމަށް ހުށަހެޅި އިސްލާހު ބޭރުކޮށްލީ މަޖިލީހުގެ ހަނި އަގުލަބިއްޔަތަކުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އެހުމުން 28 މެންބަރުން ވޯޓު ދެއްވީ ބިލު މަޖިލީހުން ބޭރުކޮށްލުމަށެވެ. އަދި ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ.
މިހާރު އަމަލު ކުރަމުންދާ "ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގަނޫނު" ގައި ބުނެފައި ވަނީ ދެ އަހަރު ނުވާ ދިވެހި ކުއްޖަކު ފިޔަވައި، އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު (185.04ރ.) ނަގަން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީ ފަސިންޖަރެއްގެ އަތުން 18.5 ޑޮލަރު (285.27ރ.) ނަގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އެއާޕޯޓުން ފުރާ މީހުންގެ ސާވިސް ޗާޖުގެ އަގުތައް އަލުން ކަނޑައަޅާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހަށް ހުށަހަޅައި ފާސް ކުރި އިސްލާހުތަކާއެކުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގެ ފުރަތަމަ ދައުރު 1978ގައި އުފެއްދި ގަނޫނުގައި ކުރިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަރުން ފުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގަންޖެހޭނެ ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ހިންގި އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ކޮންމެ ފަސިންޖަރެއްގެ އަތުން ދިޔައީ 25 ޑޮލަރު ނަގަމުންނެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާބެހޭ ގަނޫނާ ހިލާފަށް 25 ޑޮލަރު ނުނެގޭނެ ކަމަށެވެ. ގާނޫނުގައި ބުނަނީ ބިދޭސީންގެ އަތުން 18.5 ޑޮލަރު ނެގުމަށާއި ދެ އަހަރު ވެފައިވާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގުމަށެވެ.