16 Apr 2013, 13:30
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދެ ހާހަށް ވުރެ ގިނަ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަހަރާ ހަމަޔަށް ޕީޖީއަށް ނުފޮނުވާ ހުރި މައްސަލަތަކުގެ އަދަދު 20،512 އަރަ އެވެ. މިދިޔަ އަހަރަކީ އެހެން ހުރިހާ އަހަރަކާ ޚިލާފަށް އެންމެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅި އަހަރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވުމަށް އަވަސް ކުރުމުގެ ގޮތުން މިދިޔަ އަހަރު ކުރި މަސައްކަތުން ގިނަ މައްސަލަތަކެއްގެ ޝަރީއަތް ކޯޓުތަކުގައި ކުރިޔަށްދާ ކަމަށާއި އަދި ބައެއް މައްސަލަތަކުގެ ޝަރީއަތް ނިންމައި ހުކުމް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީއަށް އެންމެ ގިނައިން ފޮނުވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ތަކެވެ. އެގޮތުން މިދިޔަ 2012 ވަނަ އަހަރު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ 6549 މައްސަލަ ތަކުގެ ތެރެއިން 1758 މައްސަލަ ތަހުގީގުކޮށް 928 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
މިދިޔަ އަހަރަކީ އެހެން އަހަރުތަކާ ޚިލާފަށް ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި އަދަދު އިތުރުވި އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ވައްކަމުގެ 6549 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އެވެ. އޭގެތެރެއިން 6234 މައްސަލަ ތަހުގީގުކޮށްފައި ވާއިރު 580 މައްސަލަ ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ފޭރުމުގެ 972 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 962 މައްސަލައެއް ވަނީ ތަހުގީގުކޮށްފަ އެވެ. އަދި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ 86 މައްސަލައެކެވެ.
މިދިޔަ އަހަރު ހުށަހެޅި މާރާމާރީގެ މައްސަލަތަކަށް ބަލާއިރު، ފުލުހުންނަށް ހުށަހެޅި މާރާމާރީގެ 1314 މައްސަލަތަކުގެ ތެރެއިން ތަހުގީގުކޮށްފައި ވަނީ 1382 މައްސަލަ އެކެވެ. އަދި ޕީޖީއަށް ފޮނުވާފައިވަނީ 347 މައްސަލަ އެކެވެ.
ފުލުހުންނަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޖިންސީ މައްސަލަތަކާއި ގުޅޭ 642 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި އޭގެ ތެރެއިން 259 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު، ތަހުގީގުކޮށްފައިވަނީ 558 މައްސަލައެކެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި އެހެނިހެން މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތަކުގެ 38 މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭ ޓްރެފިކް ވަޔަލޭޝަނާއި ބެހޭ 23 މައްސަލައެއް ވެސް ފޮނުވާފައި ވެއެވެ. އަދި ޚިޔާނާތުގެ 75 މައްސަލައެއް ވެސް ތަހުގީގު ނިންމާ ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
މީގެއިތުރުން ކައުންޓަފީޓް ކުރުމާއި ފޯޖްކުރުމުގެ 53 މައްސަލަ އެއް ވެސް ވަނީ ޕީޖީއަށް ފޮނުވާފައެވެ. އަދި ޗެކް ބައުންސުވުމުގެ 175 މައްސަލަ އެއްވެސް ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ. މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ތެރެއިން ޕީޖީއަށް ފޮނުވާފައިވަނީ 85 މައްސަލައެކެވެ.