އިގުތިސާދީ ދާއިރާއިން އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި ގަތަރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގަތަރުގެ ޓުރޭޑް މިނިސްޓޫރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ރާއްޖޭގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު އަހުމަދެވެ. އަދި ގަތަރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޓުރޭޑް މިނިސްޓާ ޖާސިމް ބިން އަބުދުލް އަޒީޒް އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެއެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރާ އިންވެސްޓްމަންޓްތަކަށް ހާއްސަ ފުރުސަތުތަކެއް ލިބިގެންދިއުމުގެ އިތުރުން ޕުރައިވެޓް ސެކްޓާއިން ވިޔަފާރިއާ ގުޅޭ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ. އަދި ބުނީ އެ އެއްބަސްވުމާ ގުޅުންހުރި ކަންކަން ހާސިލް ވާ ވަރު ބެލުމަށް ދެ ގައުމު ގުޅިގެން ކޮމިޝަނެއް އުފެއްދުމަށް ވެސް އެއެއްބަސްވުމުގައި ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ގަތަރުގެ އިންވެސްޓްމެންޓް ރާއްޖޭގައި ގާއިމްކުރުމަށް މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރައްވާފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގަތަރުގެ އިންވެސްޓަރުންގެ ވަފުދެއް ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.