އޯޕަން ސޯސް ބްލޮގިންގެ ހިދުމަތްދޭ މަޝްހޫރު ވޯޑްޕްރެސްގައި ބޭނުންކުރަމުންދާ އެތައްހާސް ވެބްސައިޓް ތަކަކަށް ހެކަރުންގެ ވަރުގަދަ ހަމަލާއެއް ކުރިމަތިކޮށްފިއެވެ.

ވޯޑްޕްރެސްގެ ސާވާތައް ހޮސްޓްކުރާ ކްލައުޑްފްލެއާ އަދި ހޮސްޓްގޭޓާއިން ބުނެފައިވަނީ ހުސްވި ހަފްތާއިން ފެށީގެން ވޯޑްޕްރެސްއަށް ދީފައިވާ ހަމަލާއަކީ އެތަކެއް ހާސް ކޮމްޕިއުޓަރުތަކެއް ބޭނުން ކޮށްގެން ދީފައިވާ "ބޮޓްނެޓް" ހަމަލާއެއް ކަމަށެވެ. އަދި ބޮޓްނެޓް ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ "އެޑްމިން"ގެ ނަމުގައި ހަދާފައިވާ ޔޫޒާނޭމްތައް ބޭނުންކޮށްގެން ކަމަށެވެ.

ހެކަރުންގެ ހަމަލާތަކެއް ވޯޑްޕްރެސް އަށް އަމާޒުވެފައި މިވަނީ ވޯޑްޕްރެސްގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް "ޓޫ-ސްޓެޕް އޯތެންޓިކޭޝަން ލޮގިން" އޮޕްޝަންއެއް ތައާރަފްކުރިތާ ހަފްތާއެއް ވީތަނާއެވެ.

ވޯޑްޕްރެސްގައި 64 މިލިޔަން ވެބްސައިޓް ހަދާފައިވާއިރު މަހެއްގެ މައްޗަށް 371 މިލިޔަން މީހުން އެ ސައިޓްތައް ބަލާކަމަށް ވެއެވެ. އަދި "ޑަބްލިޔުތްރީޓެކްސް"ގެ ސާވޭތަކުން ދައްކާގޮތުގައި ދުނިޔޭގެ ވެބްސައިޓުތަކުގެ 17 އިންސައްތަ ވެބްސައިތަކީ ވޯޑްޕްރެސް ވެބްސައިޓްތަކެވެ.

ވޯޑްޕްރެސްގެ ބާނީ މެޓްމުލެންވެގް އޭނާގެ ބްލޮގްގައި ލިޔެފައިވަނީ، ވޯޑްޕްރެސް ޔޫޒާނޭމްގެ ގޮތުގައި "އެޑްމިން" ބޭނުންކުރަމުން ގެންދާ ހުރިހާ ފަރާތްތަކަކުން ޔޫޒަނޭމް ބަދަލުކޮށް ވަރުގަދަ ޕާސްވޯޑްތައް ބޭނުން ކުރުމަށް އެދޭކަމަށެވެ. އަދި ވޯޑްޕްރެސްއިން އެންމެ ފަހުން ތައާރަފްކުރި "ޓޫ-ސްޓެޕް އޯތެންޓިކޭޝަން ލޮގިން" އޮޕްޝަން އެންމެންވެސް ބޭނުން ކުރުމަށާއި އަދި ވޯޑްޕްރެސްގެ އެންމެ ފަހުގެ އެޕްލިކޭޝަން ކޮމްޕިއުޓަރަށް އިންސްޓޯލްކުރުމަށްވެސް އޭނާ ނުވެފައި ވެއެވެ.