ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ކެބިނެޓު މިނިސްޓަރުންގެ ތެރެއިން ޑީއާރުޕީން ނުރުހޭ ތިން މިނިސްޓަރެއްގެ ނަން އެ ޕާޓީން ހާމަކޮށްފި އެވެ.


މިއަދު މެންދުރު ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ރުހުން ހޯދުމަށް ކަނޑައަޅާފައިވާ މިނިސްޓަރުންގެ ތެރެއިން ޑީއާރުޕީން ނުރުހޭ މިނިސްޓަރުންނަކީ ކޮބާތޯ ސަން އޮންލައިނުން ދެންނެވުމުން އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އޭގެ ތެރޭގައި ފޮރިން  މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ހިމެނި ވަޑައިގަންނަވާ ކަމަށެވެ.


‹ރައީސް ނަޝީދަކީ އަޅުގަނޑުގެ ޒާތީ ދުޝްމަނެއް. އަޅުގަނޑަށް މި ލިބުނު އަނިޔާ ފަސް ވަނަ ގިޔަރުގައި ތަހުގީގު ކުރެވެން ޖެހޭނެ. ޝަފީގުގޭ ޝަފީގަށް އޮންނަ ހައްގުތައް އެހެން މީހުނަށް ވެސް އޮންނާނެ›


"އާންމުކޮށް އަޅުގަނޑުމެން މި ދަންނަވީ ނޫންތޯ ނަންތަކެއް. [އެއީ] ޑރ. މުސްތަފާ ލުތުފީ އާއި އަމީން ފައިސަލް އާއި ޑރ. ޝަހީދު ފަދަ ބޭފުޅުން. މުސްތަފާ ލުތުފީ އެ ދުރުވަނީ މަޑުމަޑުން ލާދީނީ ކަންތައްތައް ފަތުރައްވަމުން. [ނޮވެމްބަރު ތިނެއްގެ ހާދިސާގައި] ލުތުފީގެ ތަހުގީގުގައި އަޅުގަނޑުގެ ދެ ކަންފަތުން އަޑުއެހިން އެ ދުވަހު ސިފައިންގެ ތެރެއިން ނުކުންނަން ހުންނެވި ބޭފުޅުންގެ ތެރޭގައި އަމީން ފައިސަލް ހިމެނި ވަޑައިގަންނަވާ ކަމަށް. ތަހުގީގުގެ ރެކޯޑިން އަޅުގަނޑު އަޑުއެހިން. ނަވާރަ ދިވެހިން ޝަހީދުކޮށްލި ހާދިސާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅަކަށް އަޅުގަނޑުމެން ރުހުމެއް ނުދޭނަން. ޑރ. ޝަހީދަކީ ދިވެހި ރާއްޖެ މިއަދު ނޫނީ މާދަމާ ވެސް ވިއްކާލައްވަން ތައްޔާރަށް ހުންނެވި ބޭފުޅެއް. ދެ ދުވަހު ދެ އަނގައިން ވާހަކަ ދައްކަވާ ބޭފުޅުންނަކަށް ވެސް އަޅުގަނޑުމެން ރުހުމެއް ނުދޭނަން." މަހުލޫފް ވިދާޅުވި އެވެ.


"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރުޕީން ކުރިއަށް ގެންދާ މުޒާހަރާ މިރޭ ވެސް އޮންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.


"މިރޭ ވެސް އަށްގަޑި ސާޅީސް ފަހެއްގައި ޑީއާރުޕީން ބާއްވާ މުޒާހަރާ އޮންނާނެ. ދާނީ ކޮން ދިމާލަކަށް ކަމެއް އަޅުގަނޑުމެން ނިންމާފައެއް ނޯންނާނެ."


ރޭ ޑިއާރުޕީން ބޭއްވި މުޒާހަރާގައި ދަތެއް ބިނދުނު އެ ޕާޓީގެ މަސްވެރިން ގޮފީގެ ނައިބު ރައީސް މޫސާ ފަތުހީ އާދަމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ އޭނާ އަށް ހަމަލާދީފައި ވަނީ ފުލުހުންގެ ސްޓާފޯސް ޔުނީ ފޯމުގައި ތިބި ދެ މީހަކާއި ކުލަ ހެދުމެއްގައި ހުރި މީހެއް ކަމަށެވެ.


"އަޅުގަނޑަށް ހަމަލާ ދިނީ ސްޓާ ފޯސް ޔުނީފޯމުގައި ތިބި ދެ މީހަކާއި ކުލަ ހެދުމުގައި ހުރި މީހަކާ ތިން މީހުން ވެގެން. އަޅުގަނޑުގެ ދަތް ވެއްޓުމުގެ އިތުރުން އަތާއި ބުރަކަށީގައި މުގުރުން ތަޅާފައި އެބަހުރި. ރައީސް ނަޝީދަކީ އަޅުގަނޑުގެ ޒާތީ ދުޝްމަނެއް. އަޅުގަނޑަށް މި ލިބުނު އަނިޔާ ފަސް ވަނަ ގިޔަރުގައި ތަހުގީގު ކުރެވެން ޖެހޭނެ. ޝަފީގުގޭ ޝަފީގަށް އޮންނަ ހައްގުތައް އެހެން މީހުނަށް ވެސް އޮންނާނެ." ފަތުހީ ވިދާޅުވި އެވެ.


މިއަދު މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފަތުހީ ވިދާޅުވި އެވެ.


ޑީއާރުޕީން މިހާރު ކުރަމުން ގެންދާ މުޒާހަރާތަކަކީ ވެސް ރައީސް ނަޝީދުގެ ކެބިނެޓު މިނިސްޓަރުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކުރަމުން ގެންދާ މުޒާހަރާތަކެ ކެވެ.


ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް ބުނެ  ރައީސް ނަޝީދުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. ކުދި ބަދަލުތަކަކާ އެކު ރައީސް ނަޝީދުގެ އައު ކެބިނެޓު އެކުލަވާލީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް  ފޮނުއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެތައް ދުވަހެއްގެ މަތީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގައި އެޖެންޑާ ކުރި ކަމުގައި ވިއަސް މިއަދާ ހަމައަށް ވެސް ރައްޔިތުން މަޖިލީހުގައި ވަނީ އެ މައްސަލަ  ކުރިއަށް ގެންދެވޭ ގޮތް ނުވެފައި އެވެ.