16 Apr 2013, 12:59
ކުރީގެ ސަރުކާރުގައި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ދަށުން ދިވެހިރާއްޖޭގެ އަޑު ހިންގި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދައިދިން ކަމަށް ތުހުމަތުކޮށް އެ ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ފަހުމީ ރަޝާދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ އެމްއެންބީސީއަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި ކުރުމަށް އޯގަސްޓް 30، 2009 ގައި ވެފައިވާ އެއްބަސްވުމުގެ (6) ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިކުއިޕްމަންޓްސް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން އެތަކެތި ފޯރުކޮށްދީނުމުން އުނިކުރަންޖެހޭ ޖޫރިމަނާއަށްވާ 21،805.90ރ. އުނިނުކޮށް އެމްއެންބީސީން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
އެއްބަސްވުމާ ޚިލާފަށް ފައިސާ ދޫކުރީ އެ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓުގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރު ފަހުމީ ރަޝާދުގެ އެޕްރޫވަލް ދީގެންނެވެ. ފަހުމީ ރަޝާދު ދީފައިވާ އެޕްރޫވަލްގެ މައްޗަށް ބިނާކޮށްގެން ޖޫރިމަނާގެ ފައިސާ ނަގާފައި ނުވާ ކަމަށް އޭސީސީގެ ތަހުގީގަށް ސާބިތު ވަނީ ޕޭމަންޓް ވައުޗަރު ތަކުންނާއި ހެކިންގެ ހެކިބަހުނެވެ. އަދި އެކަމަކީ އެމްއެންބީސީގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ފަހުމީ ރަޝާދު ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ އަމަލެއް ކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ފަހުމީ ރަޝާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އެމްއެންބީސީން އަކީ މިހާރު ލިކުއިޑޭޓް ކުރުމުގެ މަރުހަލާގައި އޮތް ކުންފުންޏަކަށް ވާތީ، ކުންފުނި އުވާލުމަށް އައްޔަންކުރާ ލިކުއިޑޭޓާ މެދުވެރިކޮށް ޖޫރިމަނާއަށް އަރާފައިވާ 21،805.90ރ. މަސައްކަތް ހަވާލުވި ކުންފުނީގެ ފަރާތުން އަނބުރާ ހޯދުމަށް އެމްއެންބީސީގެ މިހާރުގެ ޑިރެކްޓާރުންގެ ބޯޑަށާއި ފިނޭންސަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.