16 Apr 2013, 11:51
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ދެ މެމްބަރުން ކަމަށްވާ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އަރާރުންވުމާ ހެދި ކޮމެޓީ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
ސަރުކާރުގެ ފަރާތުން ލޯނު ނެގާ ލޯނުގެ ގެރެންޓީ ދިނުމަށް ހުއްދަ ދިނުމަށް އެދި ރައީސް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ހުށަހެޅުމުގެ ބަހުސްގެ މަރުހަލާގައި ކޮމެޓީ ހޫނުވީ އިލްޔާސް ލަބީބުގެ އާއިލާއިން "ޔޫޓީލިޓީސް ކުންފުނި ހަދައިގެން ލާރި ކައިފައިވާ ކަމަށް" ރިޔާޒް ރަޝީދު ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަވަން ފެށުމުންނެވެ.
"އެންމެ ގިނަ ލާރި ކެއީ އިލްޔާސް ލަބީބާއި އިލްޔާސް ލަބީބްގެ އާއިލާއިން، އެންމެ ގިނަ ލާރި ކެއީ އެ މީހުން މިއޮތީ އެގެން މިއޮތީ، ޔޫޓިލިޓީސް ކުންފުނި ހަދައިގެން އައްޑޫގައި މިކަންކުރި، ބައިވޯޓާ މީހުންނެގި ލާރިއަކީ މީނަގެ [އިލްޔާސް ލަބީބު]ގެ ބޭބެނެގި ލާރި،"
ރިޔާޒްގެ އެމޭރުމުން ވާހަކަ ދައްކަން ފެށުމުން ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް ވަނީ "ޒާތީ" ވާހަކަ ނުދެއްކުމަށް ރިޔާޒްއަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް ރިޔާޒްގެ ވާހަކަ ނުހުއްޓުވުމުން އިލްޔާސް ލަބީބް ވަނީ ރިޔާޒްއަށް ރައްދުދައި ވާހަކަފުޅު ދައްކަވާފަ އެވެ.
އިލްޔާސް ލަބީބް، ރިޔާޒް ރަޝީދާއަށް ތުހުމަދު ކުރައްވާ ވިދާޅުވީ "ކަލެއަކީ މިގައުމުގައި އޮތް ހުރިހާ ތެޔޮ ލާރި އެއްކައިގެން ހުރި މީހެއް" ކަމަށެވެ. އަދި އެސްޓީއޯއިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ގަވައިދާ ހިލާފަށް ރިޔާޒް ނަގާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. އަދި އެފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެކަންނުކުރެވޭނެ ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.
އެ ދެ މެމްބަރުންގެ ހޫނު ޒުވާބު ކުރަމުންގޮސް އިލްޔާސް ލަބީބްގެ މަންމައާއި ވިއްދާ ރިޔާޒް ރަޝީދު އެއްޗެކޭ ބުނުމުން އިލްޔާސް ލަބީބް ވަނީ ގޮނޑިން ތެދުވެ ރިޔާޒް ރަޝީދުގެ ކައިރިއަށް ގޮސް އިނގިލިދިއްކޮށް ޒުވާބުކޮށްފަ އެވެ. އަދި އެ ދެ މެމްބަރުންވެސް ކޮމެޓީ ދޫކޮށް ޗެންބަރަށް ވަންނަން ދިޔަ އިރުވެސް ދެ މެންބަރުން ދިޔައީ ޒުވާބު ކުރަމުންނެވެ.
މިއަދުގެ މާއްލިޔައްތު ކޮމެޓީގައި މިއަހަރު ދިވެހި ސަރުކާރުގެ ފަރާތުން ލޯނު ނެގުމަށާއި ގެރެންޓީދިނުމަށް އެދި ރައީސް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީ އަށް ބަހުސް ކުރުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސް ފައެއް ނުވެ އެވެ.