16 Apr 2013, 11:31
ޓީވީއެމްގައި 23 އަހަރު ދުވަހު ޚިދުމަތް ކުރައްވާފާއިވާ މުހައްމަދު އާސިފް (މޮންދު) ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) ގެ މަގާމަށް ހަމަޖައްސަވައިފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން ވީމީޑިއާގެ ސީއީއޯ އިބްރާހީމް ޚަލީލު ވިދާޅުވީ ވީމީޑިއާގެ ސީއޯއޯ ގެ މަގާމާ އާސިފް ހަވާލުވެވަޑައިގަތީ އިއްޔެ ކަމަށެވެ.
"އިއްޔެއިން ފެށިގެން މުހައްމަދު އާސިފް އަކީ ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ)،" ޚަލީލު ވިދާޅުވި އެވެ.
މޮންދު ޓީވީއެމް އިން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ ފަކޮޅު އެވެ. މޮންދު ކުރިން ވިދާޅުވެފައި ވަނީ އޭނާ ޓީވީއެމް ދޫކޮށްލެއްވީ އަމިއްލަ ދިރިއުޅުން ތަރައްގީކުރައްވަން ބޭނުންވާތީ ކަމަށެވެ.
ޓީވީއެމްގެ ޚިދުމަތުގައި މަސައްކަތް ކުރި ދިގު މާޒީގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މުވައްޒަފުންނާ ގުޅިގެން އެންމެ ރަނގަޅު ޗެނަލްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށާއި އަދިވެސް ޓީވީއެމް އޮތީ އެގޮތުގައި ކަމަށް މުންދު ވިދާޅުވި އެވެ.
އާސިފް އާ ހަވާލާދީ ވީމީޑިއާ އިން ބުނިގޮތުގައި އާސިފް ވީމީޑިއާ އާ ގުޅިވަޑައިގަތީ އޭނާއަށް ލިބެމުންދިޔަ ހުށަހެޅުން ތަކުގެ ތެރެއިން އެންމެ ރަގަޅު ހުށަހެޅުމެއް ލިބިވަޑައިގަތީ ވީމިޑިއާ އިން ކަމަށް ވާތީ އެވެ.