16 Apr 2013, 11:20
މިއަދު އެމެރިކާގެ ބޮސްޓޮންގައި ކުރިއަށް ދިޔަ މެރަތަންގެ ތެރެއިން ދިން ހަމަލާތަކާ ގުޅިގެން، މިއަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލަންޑަން މެރަތަންގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ލަންޑަން މެރަތަންގެ އޯގަނައިޒިންގް ކޮމިޓީއިން ބުނީ މެރަތަންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން، މިހާރަށް ރާވާފައިވާ ސަލާމަތީ އިންތިޒާމުތަކުގެ ރިވިއުއެއް ލަންޑަންގެ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ޖުމްލަ 25،000 އެއްހާ މީހުން ބައިވެރިވި ބޮސްޓޮން މެރަތަންގެ ނިންމާ ރޮނގުގެ ކައިރީގައި ދިހަ ސިކުންތުގެ ތަފާތަކާއެކު ދެބޮން ގޮއްވާލުމާ ގުޅިގެން ތިން މީހުން މަރުވެ، 100 އެއްހާ މީހުންނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
ލަންޑަން މެޓްރޮޕޮލިޓަން ޕޮލިހުން ބުނީ ލަންޑަން މެރަތަންގެ ސަލާމަތީ ކަންކަން ރޭވުމަށް މީގެ ކުރިން ވެސް ޕުލޭންތަކެއް ހަދާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ސަލާމަތީ އިންތިޒާމުތައް އެއްކޮށް ރިވިއުކޮށް، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ލަންޑަންގެ މެރަތަންގެ ސީއީ ނިކް ބެޓްލް ވިދާޅުވީ ބޮސްޓޮންއިން ލިބެމުންދާ ހަބަރުތަކަކީ ހިތާމަވެރި ހަބަރުތަކެއް ނަމަވެސް، އެ ހަމަލާތަކާ ގުޅިގެން ލަންޑަން މެރަތަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ބުލެކްހީތުން ފަށައިގެން، އިނގިރޭސި ރާނީއާއި އާއިލާ ދިރިއުޅުއްވާ ބަކިންގްހަމް ޕެލެސްގެ ކައިރިއަށް ނިންމާލާ ލަންޑަން މެރަތަންއަކީ ބިގް ބެންއާއި ޓަވަރު ބުރިޖާއި ކެނެރީ ވާފް ފަދަ ލަންޑަންގެ މަޝްހޫރު ބިނާތައް ކައިރިން ކުރިއަށްދާ ދިގު ދުވުމެކެވެ.